ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭން ބުދަ ދުވަހު އިފްތިތާޙްކޮށްފިއެވެ.

މި ޕްލޭން އިފްތިތާޙްކޮށްދެއްވީ މިކަމަށްޓަކައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިނިސްޓަރ އޮފް އެންވަޔަރަންމަންޓް ޑރ. ހުސެއިން ރަޝީދު ހަސަނެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނަކީ މިދާއިރާގެ ލަނޑުދަނޑިތައް ހާސިލުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި މިދާއިރާ ތަރައްޤީކޮށް ކުރިއެރުވުމުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ބޭނުން ހިފިގެންދާނެ ޕްލޭނެކެވެ.

ފެނާއި ނަރުދަމާގެ ޤައުމީ ސްޓްރެޓީޖިކް ޕްލޭނުގައި ހިމެނޭ މައިގަނޑު 6 ސިޔާސަތު ބިނާވަނީ ރައްކާތެރި ފެނާއި ނަރުދަމާގެ ޚިދުމަތް އެންމެނަށް ކަށަވަރުކޮށްދިނުމަށާއި، ތިމާވެއްޓާ ރައްޓެހި، ޚަރަދު ކުޑަ ފެނާއި ނަރުދަމާގެ ނިޒާމު ތަރައްޤީކުރުމަށާއި، ފެނާއި ނަރުދަމާގެ ދާއިރާއިން މީހުން ތަމްރީނު ކުރުމަށާއި، މިދާއިރާއަށް މީހުންގެ ހޭލުންތެރިކަން އިތުރުކުރުމަށާއި، ފެނުގެ ވަސީލަތްތައް ރައްކާތެރިކޮށް ހިމާޔަތް ކުރުމަށާއި އަދި ފެންބޮޑުވުމުގެ ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢެއް ބިނާކުރުމުގެ މައްޗަށެވެ.

މި ޕްލޭން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނީ މިކަމާގުޅުންހުރި ވުޒާރާތަކާ ކުންފުނިތަކާ އޮފީސްތަކާ ގުޅިގެން ނެވެ.