ދާދިފަހަކާ ޖެހެންދެން ބެލެވިފައި އޮތީ ބަނދަރަކީ ވިޔަފާރި މުދަލެއްގެ ގޮތުގައެވެ. ނަމަވެސް މިހާރު ބަނދަރަކީ، ވިޔަފާރި މުދާގަނޑެއްގެ އިތުރުން ސްޓްރެޓެޖިކް ރައުސުމާލެއްވެސް މެއެވެ.
އިންޑިއާ ކަނޑުގައި ބަނދަރު ހެދުމަށް އިންޑިއާއާއި ޗައިނާއިން ވަނީ ޚާއްސަ ޝައުގުވެރިކަމެއް ދައްކާފައެވެ.
ޗައިނާއިން ވަނީ ސްރީލަންކާގައި ދެ ބަނދަރެއްގެ ކޮންޓްރޯލް ނަގާފައެވެ. 2011ގައި ޗައިނާ މާޗެންޓް ޕޯޓްސް އިން ސްރީލަންކާގެ އަޓްކިން އެންޑް ސްޕެންސްއާ ގުޅިގެން 35 އަހަރަށް ކޮޅުބުގެ ދެކުނު ޓާމިނަލް ވަނީ ނަގާފައެވެ. ޖެހިގެން އައި އަހަރު އަޓްކިން އެންޑް ސްޕެންސްއިން ވަނީ އެމީހުންގެ ޙިއްސާ ޗައިނާ ކުންފުންޏަށް ވިއްކާލާފައެވެ. އެއަށްފަހު 2017ގައި ޗައިނާ މާޗެންޓް ޕޯޓްސްއިން ވަނީ ލަންކާގެ ހަމްބަންޓޯޓާ ބަނދަރު އެގައުމަށް ދަރަނި ނުދެއްކުމުން، އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފައެވެ.
ޗައިނާ މާޗެންޓް ޕޯޓްސްއަކީ ދުނިޔޭގައި އެކި ހިސާބު ހިސާބުގައި ދިހަ ބަނދަރެއް އޮޕަރޭޓް ކުރާ ކުންފުންޏެކެވެ.
ސްރީލަންކާގައި ސްޓްރެޓެޖިކް އެސެޓެއް ޗައިނާގެ އަތްމައްޗަށް އެރުމާއި ޗައިނާގެ މަނަވަރުތަކުން ކޮލޮމްބޯ ޕޯޓުގައި ބަނދަރު ކުރުމުގެ ސަބަބުން އިންޑިއާއަށް ސަލާމަތީ ނުތަނަވަސްކަން ކުރިމަތިވިއެވެ.
އެންމެ ފަހުން އިންޑިއާގެ ޕޯޓް އޮޕަރޭޓް ކުރާ އެންމެ ބޮޑު ކުންފުނި އަދަނީ ގްރޫޕުން ވަނީ 700 މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއްގެ ދަށުން ކޮލޮމްބޯ ވެސްޓް އިންޓަރނޭޝަނަލް ކޮންޓެއިނާ ޓާމިނަލް ބިނާ ކުރުމުގެ ކޮންޓްރެކްޓް ކާމިޔާބު ކޮށްފައެވެ. ތަން ހަދައި ހިންގައި އޮޕަރޭޓް ކޮށް 35 އަހަރު ދުވަހުން ހަވާލުކުރާ ގޮތަށް މިއަހަރުގެ ސެޕްޓެމްބަރު މަހު ލިބުނު މި ޕްރޮޖެކްޓްގައި އަދަނީއާއެކު ބައިވެރިވަނީ ސްރީލަންކާގެ ޖޯން ކީލްސް ހޯލްޑިންގއާއި ސްރީލަންކާ ޕޯޓްސް ލިމިޓެޑެވެ. އަދަނީގެ ޙިއްސާއަކީ 51 އިންސައްތައެވެ.
މި ބަނދަރުގައި އެންމެ ބޮޑެތި އާގުބޯޓްތައް ގާތް ކޮށްލެވޭ ގޮތަށް އަހަރަކު 3.5 މިލިއަން ކޮންޓެއިނާ އޮޕަރޭޓް ކުރެވޭ ގޮތަށް ހަމަޖެހިފައި ހުންނާނެއެވެ. ކޮލޮމްބޯ ޕޯޓަކީ އިންޑިއާއަށް އަންނަ މުދާ ހޭރިއާ ކުރުމަށްވެސް މުހިންމު ދައުރެއް އަދާ ކުރާ ޕޯޓެކެވެ.
އަދަނީއަކީ އިންޑިއާގެ އެންމެ ބޮޑު ޕޯޓް ގުޖުރާތުގެ މުންދްރާ އަދަނީ ޕޯޓް އޮޕަރޭޓް ކުރާ ކުންފުންޏެވެ. އަދަނީން އިންޑިއާގައި 13 ބަނދަރެއް ހިންގައެވެ.
އިންޑިއާ ކަނޑުގެ ސަރަހައްދުގައި ކޮލޮމްބޯ ޕޯޓާއެކު އިންޑިއާއަށް އިތުރު އެހެން ބަނދަރުތަކެއްވެސް ލިބިފައި ވެއެވެ. އީރާންގެ ޗާބާރު ބަނދަރާއި އޮމާންގެ ސޯހާރް ޕޯޓް އޮޕަރޭޓް ކުރަނީވެސް އިންޑިއާ ކުންފުނިތަކުންނެވެ.
ސްރީލަންކާގައި އަދަނީން އިންވެސްޓް ކުރުމުން އިންޑިއާއަށް ސްޓްރެޓެޖިކް ފަހިކަމެއް ލިބިގެން ގޮސްފައި ވެއެވެ.