އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ވިހެއުމުގެ ތެރޭގައި ރޭ ފަތިހު ކުއްޖަކު މަރުވީ ކޮނޑު ތާށިވުމުގެ ސަބަބުން ކަމަށް އެ ހޮސްޕިޓަލުން ބުނެފި އެވެ.

އޭއީއެޗުން ނެރުނު ބަޔާނުގައި ބުނީ ކުއްޖާ މަރުވުމަށް މެދުވެރިވީ ވިހެއުމުގެ ތެރޭގައި ކުއްޖާގެ ކޮނޑު ތާށިވެ (ޝޯލްޑާ ޑިސްޓޯޝިއާ) ދިމާވި ކޮމްޕްލިކޭޝަނެއްގެ ސަބަބުން ކަމަށެވެ.

ޝޯލްޑާ ޑިސްޓޯޝިއާ އަކީ މަދުން ނަމަވެސް ދިމާވުމުން އޭގެ ސަބަބުން މައިމީހާއާ ކުއްޖާގެ ފުރާނައަށް ނުރައްކާވާ ހާލަތަކެވެ.

"މި ހާދިސާގައި ކުއްޖާ ވިއްސުމަށްފަހު ތުއްތު ދަރިފުޅު ރިސައިޓޭޓް ކުރެވިފައިވޭ. ނަމަވެސް ކުއްޖާގެ ފުރާނަ ސަލާމަތް ކުރުމަށް ޑޮކްޓަރުންނާއި ނަރުހުންގެ ޓީމުން ކުރި މަސައްކަތް ވަނީ ނާކާމިޔާބު ވެފައި" އެ ބަޔާނުގައި ވެއެވެ.

މި ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލައި ރަނގަޅުކުރަން ޖެހޭ ކަންކަން ބަލާނެ ކަަމަށް ވެސް ހޮސްޕިޓަލުން ބުނެ އެވެ.