ލަންކާގައި މިހާރު ކުރިއަށްދާ ޕްރައިމް މިނިސްޓަރ މަހިންދަ ރާޖް ޕަކްސަ އިންވިޓޭޝަނަލް ފުޓްބޯޅަ މުބާރާތުގައި ބަންގްލަދޭޝް އަތުން މިއަދު ހަވީރު ރާއްޖޭ ގައުމީ ޓީމް 2-1 އިން ބަލިވެއްޖެއެވެ.

މިއީ 2003 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ ފައިނަލުގައި ބަންގްލަދޭޝް އަތުން ބަލިވި ބަލިވުމަށްފަހު ބަންގްލަދޭޝް އަތުން ރާއްޖެ ބަލިވި ފުރަތަމަ މެޗެވެ.

މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑް ނެގީވެސް ބަންގްލަދޭޝްއިންނެވެ. ރާއްޖެއިން އެއްވަރު ކުރީ ފުރަތަމަ ހާފް ނިމެން ކައިރިވެފައި ވަނިކޮށް މުހައްމަދު އުމައިރެވެ. ރާއްޖެއިން މެޗް ކޮންޓްރޯލްކޮށް ކުޅެމުން ދަނިކޮށް ބަންގްލަދޭޝްއިން ދެވަނަ ފަހަރަށް ލީޑް ނެގީ 86 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ޓޯޕޫއެވެ.

ފުރަތަމަ ހާފާއި ދެވަނަ ހާފުގައިވެސް ގިނައިރު ބޯޅަ ހިފަހައްޓައިގެން ރާއްޖެއިން ކުޅުނުނަމަވެސް ނުރައްކާތެރި އެއްވެސް ހަމަލާއެއް ބަންގަލަދޭޝްގެ ގޯލަށް އަމާޒުކޮށް ފޮނުވާލެވިފައެއް ނުވެއެވެ. ބަންގްލަދޭޝްއިން މުޅި މެޗް ކަހަލަ ގޮތަކަށް ކުޅުނީ ވަރަށް ބޮޑަށް ޑިފެންސް ކޮށްގެންނެވެ.

މިމެޗުން ބަލިވުމާއެކު ފައިނަލުގެ ފުރުސަތު ރާއްޖެއަށް ވަނީ ހަނިވެފައެވެ. ދެމެޗުން ރާއްޖެއަށް އެއްޕޮއިންޓް ލިބިފައިވާއިރު ހަތަރު ގައުމު ވާދަ ކުރާ މިމުބާރާތުގެ އެއްވަނައިގައި ބަންގްލަދޭޝް އޮތީ 4 ޕޮއިންޓާއެކުއެވެ. ރާއްޖެއަށް ބާކީ އޮތީ ސީޝެލްސްއާ ވާދަކުރަން ޖެހޭ މެޗް އެކަންޏެވެ.

މިމުބާރާތުގައި މިރޭ ބައްދަލު ކުރާނީ ލަންކާ އާއި ޝީސެލްސްއެވެ.