އެމެރިކާގައި އިއްޔެއާއި ރޭގައި ލާފައިވާ ރިޔާސީ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދާއިރު، އިންތިޚާބާ ގުޅިގެން އެއްވެސް ހަމަނުޖެހުމެއް ހިނގާފާނެތީ އެމެރިކާގެ ނޭޝަނަލް ގާރޑުން ތައްޔާރީ ހާލަތަށް ގެނެސްފިއެވެ.

އެގޮތުން، އިންތިޚާބާ ގުޅޭ ކަންކަމުގައި އެހީތެރިވުމަށް އެމެރިކަގެ 18 ސްޓޭޓެއްގައި މިހާރުވަނީ ނޭޝަނަލް ގާރޑުން އެކްޓިވޭޓް ކޮށްފައެވެ.

ނޭޝަނަލް ގާރޑުން އެކްޓިވޭޓްކުރި ސްޓޭޓްތަކަކީ، އިންތިޚާބުގެ ނަތީޖާއާ ގުޅިގެން ހަމަނުޖެހުން ހިނގަފާނެ ކަމަށް ބެލެވޭ ސްޓޭޓްތަކެވެ.

އެގޮތުން، ވޯޓާގުޅޭ ކަންކަމާއި، ސައިބަރ ޑިފެންސާއި، އަދި އިންތިޚާބާ ގުޅިގެން ހިނގާފާނެ މަދަނީ ހަމަނުޖެހުންތަކާ ކުރިމަތިލުމަށް ނޭޝަނަލް ގާރޑުން ތައްޔާރުވެފައިވާ ކަމަށް އެމެރިކާގައި އަސްކަރީ ހަބަރުތައް ގެނެސްދޭ މިލިޓަރީ ޓައިމްސްއިން ބުނެއެވެ.

ސްޓޭޓްތަކުގެ ތެރެއިން ޓެކްސަސް، ޕެންސިވޭނިއާ، މަސަޗޫސެޓްސްފަދަ ކޮންމެ ސްޓޭޓެއްގައި 1،000 އަށްވުރެ ގިނަ ނޭޝަނަލް ގާރޑުން އެކްޓިވޭޓް ކޮށްފައި ވެއެވެ.

އެރިޒޯނާ، އަލަބާމާ ފަދަ ސްޓޭޓްތަކުގައި ހިނގާފާނެ ހަމަނުޖެހުމަކާ ކުރިމަތިލުމަށް 300 އެއްހާ ނޭޝަނަލް ގާރޑުން ތައްޔާރީ ހާލަތުގައި ތިބި ކަމަށް މީޑިއާއިން ރިޕޯޓްކޮށްފައި ވެއެވެ.

އެމެރިކާގެ ގިނަ ސްޓޭޓްތަކުގައި އެންމެފަހުން ނޭޝަނަލް ގާރޑުން އެކްޓިވޭޓް ކޮށްފައިވަނީ، ކަޅު ނަސްލުގެ މީހެއް ކަމަށްވާ ޖޯޖް ފްލޮއިޑް ފުލުހުންގެ ބަންދުގައި ހުއްޓައި މަރުވުމާ ގުޅިގެން މުޅި އެމެރިކާގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކާ ގުޅިގެންނެވެ.

އެމެރިކާގެ ރިޔާސީ އިންތިޚާބާއެކު، އެމެރިކާގެ ކޮންގްރެސްގެ ގުނަވަންތައް ކަމަށްވާ ސެނޭޓާއި، ހައުސްގެ އިތުރުން ލޯކަލް އެހެން ކައުންސިލްތަކަށްވެސް އިއްޔެ މެމްބަރުން އިންތިޚާބު ކޮށްފައި ވެއެވެ.

ވޯޓު ގުނުމުގެ މަސައްކަތް ކުރަމުންދާއިރު، ވޯޓުގައި އޮޅުވާލުންތައް އެބަހުރި ކަމަށާއި، އިދިކޮޅު ޑިމޮކްރޭޓުން އިންތިޚާބުގެ ވޯޓު "ވަގަށްނަގަން" އުޅޭ ކަމަށް ވިދާޅުވެ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހާރުވަނީ ކޯޓަށް ވަޑައިގަންނަވާނެ ކަމުގެ އިންޒާރުވެސް ދެއްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުގައި، ދުނިޔޭގެ ޚަބަރުފަތުރާ ބޮޑެތި ވިއުގަތަކުގެ ޕްރޮޖެކްޝަންތައް ދައްކާގޮތުން އިންތިޚާބުގައި ކުރީގައި އުޅުއްވަނީ ޖޯ ބައިޑެންއެވެ. އިންތިޚާބު ކާމިޔާބު ކުރައްވާނެ ކަމަށް ބެލެވެނީވެސް ބައިޑެންއެވެ.

އެހެން ނަމަވެސް، އެމެރިކާގެ ރައީސްގެ ވާހަކަ ހުރިގޮތުން، އޭނާ ހުންނެވީ އިންތިޚާބުގެ ބަލި ގަބޫލުކުރައްވާ ގޮތަކަށް ނޫންކަން އެނގެއެވެ.