އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ބަޔާންތަކުން ދޭހަވާ ގޮތުގައި ފިލިޕީންސްގެ ރައިސްގެ އިކޮނޮމިކް އެޑްވައިޒަރަކީ މީގެ ވިއްސަކަށް އަހަރު ކުރިން ފެށިގެން މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ މެތު އުފައްދައި އެތަކެތި ސަޕްލައި ކުރުމުގެ ވިޔަފާރި ފުޅާދާއިރާއެއްގައި ހިންގާ މީހެކެވެ.
ޗައިނާގެ ވިޔަފާރި ވެރިޔާ މައިކަލް ޔަންގްއަކީ ފިލިޕީންސްގައި ވިޔަފާރިކޮށްގެން ފިލިޕީންސްގެ ރައީސްގެ ބެލުމުގެ ދަށުން މުއްސަނދިވެފައިވާ މީހެކެވެ.
މީނާގެ މެތު އުފެއްދުމުގެ ކާރުޚާނާތައް ހުރީ ފިލިޕީންސްގެ މިންޑަނާއޯ އައިލެންޑްގެ ޑަވާއޯ ސިޓީގައެވފިލިޕީންސްގެ ރައީސް ކަމަށް އައުމުގެ ކުރިން ރައީސް ރޮޑްރިގޯ ޑުޓަރޓް އަކީ މިސިޓީގެ މޭޔަރެވެ.
ފިލިޕީންސްގެ ރައީސް ރޮޑްރިގޯ ޑުޓަރޓްގެ ވެރިކަމުގައި ހަމަސް ތެރޭގައި ހަތް ލައްކަ މީހުން މަރާލާފައި ވެއެވެ.
ޑުޓާރޓްގެ އިކޮނޮމިކް އެޑްވައިޒަރ މައިކަލް ޔަންގް އަކީ މަސްތުވާތަކެތީގެ ވިޔަފާރީގެ އިތުރުން މިހާރުގެ ސަރުކާރަށް ބައި އަޅާ ގޮތަށް ކޮރަޕްޝަންގެ އަމަލުތަކުން މަންފާ ލިބިފައިވާ މީހެކެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ޑޮކިއުމެންޓްތަކުގައި ބުނެފައި ވަނީ ރައީސް ޑުޓާރޓްގެ ޒަމާންވީ ގާތް އެކުވެރިޔާ މައިކަލް ޔަންގް އަކީ މަސްތުވާ ތަކެތީގެ ވިޔަފާރީގައި ޒަމާންތަކެއް ވަންދެން މޫލާފައި ހުރި މީހެއް ކަމަށެވެ. އަދި ޑުޓަރޓް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ ހަނގުރާމައިގައި ޔަންގް ބައިވެރިވާ ކަމަށާއި މި ހަނގުރާމައިގައި އަމާޒުކޮށް މަރާލާފައިވާ މީހުންނަކީ މި ދެމީހުންގެ ހަތުރުން ކަމަށެވެ.
އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން މި މައްސަލަ ބިނާ ކޮށްފައިވަނީ ޑޫޓަރޓްގެ އަމުރަށް އެކުލަވާފައިވާ ދަވާއޯ ޑެތް ސްކޯޑްގައި ހިމެނުނު ފުލުހުންގެ އިސްމީހަކު ދީފައިވާ ބަޔާންތަކެއްގެ މައްޗަށެވެ.
186 ސަފްހާގެ ބަޔާންތަކުގައި ބުނެފައި ވަނީ މިންޑަނާއޯގައި ހިންގާ މެތު ލެބްތައް ހިންގަނީ ޔަންގްގެ ބެލުމުގެ ދަށުން ކަމަށެވެ.
ޔަންގްއަކީ ޗައިނާގެ ބެލްޓް އެންޑް ރޯޑް ޕްރޮޖެކްޓްތަކުގެ ދަށުން ގިނަ އަދަދެއްގެ ވިޔަފާރި ޑީލްތައް ފިލިޕީންސްގައި ކާމިޔާބު ކޮށްފައިވާ މީހެކެވެ. ކޮވިޑް19އާ ގުޅިގެން ފިލިޕީންސް ސްރުކާރުން މީނާއަށް ގިނަ ވިޔަފާރިތަކެއް ދީފައި ވެއެވެ. މި ވިޔަފާރި މުއާމަލާތުގައި ކޮރަޕްޝަން ހިމެނޭތީ އެމައްސަލަ ފިލިޕީންސްގައި ތަހުގީގުކޮށް ޝަރީއަތަށްވެސް ހުށަހަޅާފައި ވެއެވެ.
ފިލިޕީންސްއިން ޗައިނާއާއެކު ކުރާ މުއާމަލާތުގައި ރައީސަށް ލަފާދޭ ފަރާތަކީ ޔަންގްއެވެ.
ފިލިޕީންސްގެ ރައީސް މަސްތުވާތަކެއްޗާ ދެކޮޅަށް ހިންގާ ހަނގުރާމައިގައި ގިނަ އަދަދެއްގެ މީހުން ޝަރީއަތަކާ ނުލައި މަރާފައިވާ މައްސަލައަކީ ބައިނަލްއަގްވާމީ މުޖުތަމައުން ކުށްވެރިކޮށްފައިވާ މައްސަލައެކެވެ.
މި މައްސަލަތައް ބެލުމަށް އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ނިންމާފައި ވެއެވެ. ފިލިޕީންސްއިން ބުނެފައި ވަނީ މިކަމުގައި ކޯޓަށް އެއްބާރުލުން ނުދޭނެ ކަމަށެވެ.