ފާއިތުވި 24 ގަޑިއިރުތެރޭގައި އިތުރު 51 މީހަކު އައްޑޫސިޓީން ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. އޭގެތެރޭގައި ހިމެނެނީ ހިތަދޫއިން ޕޮޒިޓިވްވި 21 މީހަކާއި މަރަދޫން ޕޮޒިޓިވްވި 2 މީހަކާއި ފޭދޫން ޕޮޒިޓިވްވި 14 މީހަކާއި މަރަދޫފޭދޫން ޕޮޒިޓިވްވި މީހަކާއި މީދޫން ޕޮޒިޓިވްވި 12 މީހަކާއި ހުޅުދޫއިން ޕޮޒިޓިވްވި މީހެކެވެ. މިއީ ފަހަކަށް އައިސް އައްޑޫސިޓީން މި އަދަދަށް އެއްފަހަރާ ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.

މިއަދަދަށް މީހުން ޕޮޒިޓިވްވިޔަސް އައްޑޫގައި އަޅަފައިފައިވާ ފިޔަވަޅުތައް ވަރުގަދަ ކޮށްފައެއް ނުވެއެވެ. އެސިޓީ މިހާރުވެސް އޮތީ މޮނިޓަރިންގައެވެ. އެހެނަސް ރޭގަނޑު 9 އިން ފަތިހު 4 އަށް ބޭރަށް ނުކުތުން މަނާކުރުން ފިޔަވާ އިތުރު އެއްވެސް ފިޔަވަޅެއް އަޅާފައެއް ނުވެއެވެ. މިކަމާ ބައެއް މީހުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެނަސް ސިޓީ މޮނިޓަރިންއިން ނުނަގައިގެން ވެސް ކަންބޮޑުވާ ބައެއް މީހުން އެބައުޅެއެވެ.

އަލަށް ޕޮޒިޓިވްވި 51 މީހުންނާއެކު އައްޑޫގެ އެކްޓިވް ކޭސްތަކުގެ އަދުވަނީ 396 އަށް އަރައިފައެވެ. އެއީ ހިތަދޫގައި ތިބި 224 މީހަކާއި، މަރަދޫ 45 މީހަކާއި، މަރަދޫފޭދޫ ތިބި 11 މީހަކާއި، ފޭދޫގައި ތިބި 63 މީހަކާއި، ގަމުގައިތިބި 5 މީހަކާއި، ހުޅުދޫގައި ތިބި 5 މީހަކާއި، މީދޫގައި ތިބި 43 މީހެކެވެ.

މިހާތަނަށް އައްޑޫއިން ވަނީ 2461 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އޭގެތެރެއިން 2055 މީހަކު ވަނީ ބަލީން ފަސޭހަވެފައެވެ. ފާއިތުވި 24 ގަޑިއިރުތެރޭގައި ބަލީން ފަސޭހަވެފައިވަނީ 40 މީހެކެވެ.

މިބަލީގައި މިހާތަނަށް 10 މީހަކު ވަނީ އައްޑޫސިޓީން ނިޔާވެފައެވެ.