ދިވެހި ފުލުހުންގެ ޚިދުމަތާއި މިނިސްޓްރީ އޮފް ޓޫރިޒަމް އަދި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ގުޅިގެން ޓުއަރިޒަމް ސެކްޓަރ ސެކިއުރިޓީ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި މިއަދު ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް އެވެ. އެ ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮސްލާ އާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެލެއްވިއެވެ.

ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދާއިރާގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު އެ ވޯކްޝޮޕްގެ ތެރެއިން ބައިވެރިންނާ ހިއްސާކޮށްފައިވެއެވެ.

މާލެ ސަރަހައްދުގައި ހިމެނޭ ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގެ ސެކިއުރިޓީ މެނޭޖަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގެ ސަބަބުން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ މެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެ، އެކުގައި މަސައްކަތްކުރުމުގެ މަގު ފަހިވެގެންދާނެއެވެ.

މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ހިދުމަތްދެމުން އަންނަ 59 ފަރާތަކުން އެ ވޯކްޝޮޕްގައި ބައިވެރިވިއެވެ.