ސ. ހިތަދޫ ވަރުދީގޭ އަހުސަން ބަޝީރަށް ވަޅިން ހަމަލާދީ މަރާލި މައްސަލައިގެ އިސްތިއުނާފު މައްސަލައިގެ އަޑުއެހުމެއް، ހައިކޯޓުގައި ބާއްވަން މާދަމާއަށް ތާވަލް ކޮށްފިއެވެ.

ދައުލަތުގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ، އަހުސަންގެ މަރުގެ މައްސަލައިގައި ގ. ކޯޒީ އިބްރާހީމް ޝަހުމް އާދަމާއި މއ. ވީނަސްތަރި ހަސަން ޝިމާޒު މުހައްމަދު ސުވާދުގެ މައްޗަށް ކުރި ދައުވާ ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމާ ގުޅިގެންނެވެ.

ކްރިމިނަލް ކޯޓުން އެގޮތަށް ހުކުމް ކުރީ 2014 ވަނަ އަހަރުގައެވެ. އަދި ދައުލަތުގެ ފަރާތުން އެ މައްސަލަ އިސްތިއުނާފް ކޮށްފައި ވަނީ 2015 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުގައެވެ.

އެ މައްސަަލަ ހައިކޯޓުގައި ކުރިއަށްގެންދެވިދާނެތޯ ބެލުމަށް މީގެކުރިންވެސް ވަނީ އެ މައްސަލައިގެ އަޑުއެހުމެއް ބާއްވައިފައެވެ.

ހުސްވި 2019 ވަނަ އަހަރުގެ އޯގަސްޓްމަހުގެ 25 ގައި ބޭއްވި އެ އަޑުއެހުމުގައި އެ މައްސަލައިގައި އެއީ ހައިކޯޓުން ކުރިއަށް ގެންދެވޭނެ މައްްސަލައެއްކަމުގައި ނިންމިއެވެ.

އެއާއެކު ދައުލަތުގެ ފަރާތުން އިސްތިއުނާފީ ނުކުތާތައް ހުށަހެޅުމަށް ފުރުސަތު ދެއްވިއެވެ.

ދައުލަތުން އެ ނުކުތާތައް ހުށަހެޅުމުން، އެދުވަހުގެ ޝަރީއަތުގެ މަޖިލިސް ނިންމަވައިލެއްވީ، އިސްތިއުނާފީ ނުކުތާތަކަށް މާދަމާގެ އަޑުއެހުމުގައި ޖަވާބުދާރީވުމަށް ދިފާއީ ވަކީލުންނަށް ފުރުސަތުދޭނެ ކަމަށް ވިދާޅުވެއެވެ.

ވަޅިން ހަމަލާދީ އަހުސަން މަރާލާފައި ވަނީ 16 މާޗު 2011 ވަނަ ދުވަހުގެ ރޭ މެންދަމު 3:30 އެހައިކަންހާއިރު އަލިކިލެގެފާނުމަގާއި މަޖީދީމަގާ ގުޅުނު ކަންމައްޗާވީ ހިސާބުގައި އޭނާ އުޅެނިކޮށް ސައިކަލެއްގައި ދިޔަ ދެ މީހެކެވެ.