ރާއްޖޭގައި މަރުގެ އަަދަބުދިނުން މުޅިން އުވައި ލެވޭނީ ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމާއެކު އާންމުންގެ ޚިޔާލު ހޯދައއިގެން ކަމަށް އެޓާނީޖެނެރަލް އިބްރާހިމް ރިފްއަތު ވިދާޅުވެއްޖެއެވެ.

އޭޖީ މިހެން ވިދާޅުވީ، އިންސާނީ ހައްގުތައް ރައްކާތެރި ކުރުމަށް ރާއްޖޭން ކުރާ މަސައްކަތް މުރާޖައާ ކުރަން އދ. ގެ ޖެނީވާ އޮފީހުގައި ބޭއްވި ބައްދަލުވުމުގައި (ޔުނިވާސަލް ޕީރިއަޑިކް ރިވިއު) ވާޗުއަލްކޮށް ބައިވެރިވެވަޑައިގެން، ވާހަކަ ދައްކަވަމުންނެވެ.

އެމަނިކުފާނު ވިދާޅުވީ، މަރުގެ އަދަބު އުވާލަން، ރާއްޖެ އަށް ގޮވައިލާ ގޮވައިލުންތައް ފާހަގަ ކުރައްވާ ކަމަށެވެ.

ނަމަވެސް ގާނޫނުތަކަށް ބަދަލު ނުގެނެސް ރާއްޖޭގެ ގާނޫނުލްއުގޫބާތުން އެކަން ނުކުރެވޭނެ ކަމަށް ވިދާޅުވިއެވެ. މަރުގެ އަދަބު އުވައިނުލި ނަމަވެސް އެ އަދަބު ތަންފީޒުކުރުން ހުއްޓާލާފައި އޮތް އޮތުން ރާއްޖެ އިން ދަމަހައްޓާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ބަންޑާރަ ނައިބު ވިދާޅުވީ ޕާލަމެންޓުން ހަދަން ޖެހޭ ގާނުނުތައް ނުހަދައި، ފުޅާ ދާއިރާއެއްގައި އެމައްސަލައަށް ރައްޔިތުންގެ ހިޔާލު ނުހޯދައި މަރުގެ އަދަބު ނައްތައިނުލެވޭނެ ކަމަށެވެ.