ފުވައްމުލަކު އެއާޕޯޓްގައި މަސައްކަތްކުރާ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ހަމަލާދީ ފައިސާތަކެއް ފޭރިގަނެފިއެވެ.

މޯލްޑިވިއަންއިން ބުނެފައިވަނީ ފުވައްމުލަކު އެއާޕޯޓްގައި މަސައްކަތްކުރާ ދެ މުއައްޒަފުން ސޭލްސް ނިންމާ ބެންކަށް ފައިސާ ޖަމާ ކުރަންދިޔަ ވަގުތު، ތޫނު އެއްޗަކުން ހަމަލާދީ ޒަޚަމްކޮށްލާ ފައިސާތައް ފޭރި ގަނެފައިވާކަމަށެވެ.

އެ މީހުންގެ އަތުގައި ހުއްޓާ ފޭރިގެންފައި ވަނީ 93850 ރ. އާއި 448 އެމެރިކާ ޑޮލަރެވެ.

މިކަން ފުލުހުންނަށް ހުށައަޅާފައިވާކަމަށާއި، މި ހާދިސާގައި ޒަހަމްވި މުއައްޒަފަށް ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވާކަމަށް މޯލްޑިވިއަންއިން މައުލޫމާތުދެއެވެ.

މިމައްސަލަ ތަހުގީގު ކުރަމުން އަންނަކަން ފުލުހުން ހާމަކޮށްފައިވެއެވެ.