އިންޑިއާގެ ފެކްޓަރީއެއްގައި ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނެއްގައި ބާރުގަދަ އެއްޗެއް ގޮވައި 12 މީހުން މަރުވެއްޖެއެވެ.

މިހާދިސާގައި މަރުވި އެންމެންނަކީވެސް ފެކްޓަރީގައި މަސައްކަތްކުރާ މުވައްޒަފުންނެވެ.

އެމީހުން މަރުވީ، ކެމިކަލް ރައްކާކޮށްފައި ހުރި ގުދަނުގައި އެއްޗެއް ގޮވުމުގެ ސަބަބުން އެތަނުގެ ބައެއް، އެމީހުންގެ ބޮލަށް ވެއްޓުމުގެ ސަބަބުން ކަމަށް މީޑިއާއިން ބުނެއެވެ.

މިހާދިސާ ހިނގާފައިވަނީ އިންޑިއާގެ ހުޅަނގުގެ ސްޓޭޓެއް ކަމަށްވާ ގުޖަރާތުގެ އަހްމަދުއާބާދު ސިޓީގައި ހުންނަ ކޮޓަން ފެކްޓަރީއެއްގައެވެ.

މިހާދިސާގައި މަރުވި 12 މީހުންގެ ތެރޭގައި 5 އަންހެނުންވެސް ހިމެނޭ ކަމަށް އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯރސްއިން ބުނެފައި ވެއެވެ. އެ ހުރިހާ އެންމެންގެ ހަށިތައް ފަހުންވަނީ އިމާރާތުގެ ތެރެއިން ނެރެފައެވެ.

މިހާދިސާގައި އިތުރު 9 މީހުން ޒަޚަމްވެފައިވާ ކަމަށްވެސް، މީހުން ސަލާމަތްކުރަން ހަރަކާތްތެރިވި ޓީމުން ބުނެފައި ވެއެވެ.

މަންޒަރު ދުށް މީހުންނާ ހަވާލާދީ އިންޑިއާގެ މީޑިއާއިން ބުނެފައިވަނީ، ކެމިކަލް ގުދަނުގައި އެއްޗެއް ގޮވުމުގެ ސަބަބުން އެ ތަނުގެ ފާރުތައް ވެއްޓިފައި ވެއެވެ. ފެކްޓަރީ ތެރޭގައި ހުރި ޓެކްސްޓައިލް ޔުނިޓުގެ ފާރުވެސް ވެއްޓިފައިވާ ކަމަށް ބުނެފައި ވެއެވެ.

ފެކްޓަރީގެ ގުދަނެއްގައި އެއްޗެއް ގޮވުމުގެ ސަބަބުން އެތަނުން ސަލާމަތް ހޯދުމަށް މީހުން ދުވަމުންދިޔަ މަންޒަރުތައް އިންޑިއާގެ ބައެއް ޓީވީތަކުން ދުރަށް ދައްކާފައި ވެއެވެ.

އެންޑީޓީވީން ބުނެފައިވަނީ، މިހާދިސާގައި ފެކްޓަރީއާ ގާތުގައި ހުރި އެހެން އިމާރާތްތަކަށްވެސް ގެއްލުންތައް ލިބުނު ކަމަށެވެ.

އަހްމަދުއާބާދުގެ އަލިފާން ނިއްވުމާބެހޭ އެންމެ އިސް އޮފިޝަލް އެމްއެފް ދަސްތޫރު ވިދާޅުވީ، ފެކްޓަރީގެ ކެމިކަލް ގުދަނުގައި ބާރުގަދަ އެއްޗެއް ގޮވީ، އެންމެ ފުރަތަމަ އެތަނުގައި އަލިފާން ރޯވެގެން ކަމަށް މިހާތަނަށް ހޯދި ހޯދުންތަކުން އެނގިފައިވާ ކަމަށެވެ.

ބާރުގަދަ ގޮވުމުގެ ސަބަބުން ކެމިކަލް ރައްކާކޮށްފައި ހުރި ތަން އެއްކޮށްވަނީ ހަލާކުވެފައެވެ. އެތަނުގައި ރޯވި އަލިފާންގަނޑު ނިއްވާލަން އެތައް ގަޑިއިރެއް ނެގިކަމަށް ވެއެވެ.