ސާނަވީ އިމްތިހާން ނިންމާ ކުދީންގެ ތެރެއިން މަތީ ސާނަވީއާ ކުރިމަތިލާ ކުދިންގެ ޢަދަދު މަދު ކަމަށް ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލި ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އޯލެވެލް ގަދަ ދިހައެއްގައި ރާއްޖެއިން ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް ބުރާސްފަތި ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

"މިދިޔަ 5 އަހަރަށް ބަލާއިރު، ރާއްޖޭގައި ކޮންމެ އަހަރަކު ސާނަވީ އިމްތިޙާން މި ހަދަނީ، އެވްރެޖްކޮށް 5600 ދަރިވަރުން. އޭގެ ތެރެއިން، މަތީ ސާނަވީއަށް މި ވަންނަނީ އެވްރެޖްކޮށް، އަހަރަކު 2040 ކުދިން. އާދެ، ސާނަވީ ހަދާ ކުދިންގެ ގާތްގަނޑަކަށް 35 ޕަސެންޓް. މީގެ މާނައަކީ، ގާތްގަނޑަކަށް 64 އިންސައްތަ ކުދިން މަތީ ސާނަވީ ހަދަން ބޭނުންނުވާކަން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިކަމުގެ ސަބަބު ބަލަންޖެހޭ ކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ. ދައުލަތުގެ މުއައްސަސާތަކުންނާއި ބެލެނިވެރިންވެސް ދަރިވަރުންނަށް ހިތްވަރުދޭންވީ، މަތީ ސާނަވީ ފުރިހަމަކުރަން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. ގްރޭޑް 10 ނިމުނީމާ، ކިޔަވައި ނިމުނީ ކަމަށް ގަބޫލުކުރެވޭނަމަ، އެ ވިސްނުން އަވަހަށް ސިކުނޑިން ފޮހެލުމަށް ވެސް އެމަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.

"އެފަދަ ކަތި ފިޔަވަޅަކުން ގެއްލިގެންދާނީ، އެ ކުއްޖެއްގެ މުސްތަޤްބަލް އެކަންޏެއް ނޫން. އެއީ މުޅި ގައުމަށް ލިބޭ ގެއްލުމެއް. އެންމެ ކުއްޖަކުވެސް ތަޢުލީމީ ޙަޔާތް ފުރިހަމަނުކޮށް ދޫކޮށްލުމަކީ، ޤައުމަށް ގެއްލޭނެ ވަރަށް އަގުބޮޑު ރައުސްމާލެއް. އެއީ ޤައުމު ކުރިއެރުވުމަށާއި، ގައުމު ބިނާކުރުމަށް އެޅޭ ވަރަށް ބޮޑު ހުރަހެއް،" އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެއްވެސް ގައުމަކީ އޭގެ ޒާތުގައި ތަރައްގީވެ ކުރިއަރާނޭ ތަނެއް ނޫންކަމަށެވެ. ގަމެއް ތަރައްގީވާނީ އެގައުމުގައި އުޅޭ މީހުން ތަރައްގީވެގެން ކަމަށް ވެސް ވިދާޅުވިއެވެ. "ގައުމު ކުރިއަރަނީ، ތިމާ ހުރި ޙާލަތުން އެއަށްވުރެ ރަނގަޅު ޙާލަތަކަށް ބަދަލުވުމުގެ ވިސްނުން، ގައުމުގެ ދަރިންގެ ސިކުނޑީގައި އުފެދި، އެ ޢަޒުމުގައި އެކަމަށް މަސައްކަތް ކޮށްގެން،" ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކޮވިޑްގެ ސަބަބުން ދަތި ދޮޅުއަހަރެއްހާ ދުވަސް ހިނގައްޖެ ކަމަށެވެ. އެދުވަސްވަރު އޮންލައިންކޮށްނާއި ކުލާހަށް ހާޒިރުވެގެން ކުދީންނަށް ކިޔަވައިދެއްވި ޓީޗަރުންގެ މަތީން އަބަދުވެސް ހަނދާން ކުރަންޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ކޮވިޑުގެ ސަބަބުން ދުނިޔޭގެ މިސްރާބުވެސް މިހާރުހުރީ ވަރަށް ބޮޑެތި ބަދަލުތަކަކާ ދިމާޔަށް ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. "މިއިން ދުވަހަކުވެސް ދުނިޔެ ނުދެކޭފަދަ، ޒަމާނީ ޓެކްނޯލޮޖީގެ ބަދަލުތަކެއް، ވަރަށް އަވަހަށް ފެންނަން ފަށާނެ. ތިޔަ ކުދިންވެސް މިއަދު ވިސްނުން އަމާޒުކުރަންވީ، ދުނިޔެއަށް އަންނަ ބަދަލުތަކަށް. ތިޔަ ކުދިން މިއަދު ފިކުރު ހިންގަންވީ، މާދަމާ ކުރާނެ މަސައްކަތަކާ ދޭތެރޭގައި،" ރައީސް ވިދާޅުވިއެވެ.

ކޮންމެ ކުއްޖަކުވެސް، އެ ކުއްޖެއްގެ ކުރިމަގާމެދު ކޮންމެވެސް ވިސްނުންތަކެއް ގެންގުޅޭނެކަމަށާއި، އެއީ އެ ކުއްޖެއްގެ ކިބައިގައި ހުންނަ ފަންނުވެރިކަމާއި ހުނަރުވެރިކަމާވެސް ގުޅިފައި އޮންނަ ވިސްނުމެއް ކަމަށް ރައީސް ވިދާޅުވިއެވެ. މި މަރުޙަލާއަށް ދަރިވަރުން ދަތުރުކުރާއިރު ބެލެނިވެރިންގެ ދައުރަކަށްވާންވާނީ ކުދިންނަށް ރަނގަޅު މަގު ދައްކައިދިނުން ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

"ވަކި ދާއިރާއަކުން ކުރިއަށްދާން ކުދިންނަށް މަޖުބޫރު ކުރުމަކީ، ބައެއްފަހަރަށް ވަރަށް ހިތި ނަތީޖާވެސް ނުކުމެދާނެ ކަމެއް. އެ ކުއްޖަކު ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމުގެ ފުރުޞަތު ފަހިކޮށްދިނުމުން، ހާޞިލްކުރެވޭ ނަތީޖާ މާ ރަނގަޅުވާނެ. އެ ކުއްޖާއާއި ޢާއިލާއަށް ލިބޭ އުފާވެރިކަންވެސް މާބޮޑުވާނެ،" ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ސަރުކާރުގެ ތަޢުލީމީ ސިޔާސަތަކީ، ރާއްޖޭގެ ތަރައްގީއަށް ބޭނުންވާ މީހުން ބިނާކުރުމާއި، ދަރިވަރުންނަށް ފާގަތި މުސްތަގުބަލެއް ހޯއްދަވައި ދެއްވުން ކަމަށެވެ. މިދިޔަ ތިން އަހަރު ތެރޭގައި، ރާއްޖޭގެ ތަޢުލީމީ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެވިފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރާއްޖޭގައި ތިބެގެން، ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމަށް ފުރުސަތު މިހާރު އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ. އެ ފުރުސަތުގައި، ހީނުކުރާހާ ގިނަ އަދަދެއްގެ ދަރިވަރުން މިހާރުވެސް އަންނަނީ ކިޔަވަމުން ކަށް އެމަނިކުފާނު ވިދާޅުވިއެވެ. އޭފެ އިތުރުން ހެނދުނުގެ ނާސްތާ ޕްރޮގްރާމަކީ، ދަރިވަރުންގެ ހަށިހެޔޮކަމާއި ދުޅަހެޔޮކަމަށްޓަކައި ކުރަން ފެށި، ވަރަށް މުހިންމު މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ކޯވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން މިވަގުތު މަޑުޖައްސާލައިފައި އޮތަސް، އެކަމަށް ބޭނުންޖެހިފައި ތިބި 600 އަށްވުރެ ގިނަ ދަރިވަރުންނަށް މިހާރުވެސް ހެނދުނުގެ ނާސްތާ ދެމުން ގެންދަވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ދަރިވަރުންގެ ސްކޫލް މަރުޙަލާގައި ޞިއްޙ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ، ސަރުކާރުން ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލު ކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ. އިންޓަރގްރޭޓެޑް ހެލްތު ސްކްރީނިންގ ޕްރޮގްރާމުން އެކަން ޙާސިލް ކުރެވޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އުނގެނުމުގަޔާއި، އެނޫން ގޮތްގޮތުންވެސް ޚާއްސަ އެހީއަށް ބޭނުން ކުދިން އަޅުގަނޑުމެންގެ ތެރޭގައި އެބަތިބި. ތަޢުލީމު ޙާސިލް ކުރުމުގައިވެސް އެފަދަ ކުދިންނަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއް. އަޅުގަނޑުމެން އުފެއްދި ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިޔުކޭޝަންގެ ފަރާތުން އެކަމުގައި ވަރަށް މުހިންމު މަސައްކަތްތަކެއް އަންނަނީ ކުރަމުން،" ރައީސް ވިދާޅުވިއެވެ.

ރައިސް ވިދާޅުވީ އެމަނިކުފާނު އުުންމީދަކީ ރޭ އެވޯޑް ހާސިލްކުރި ހުރިހާ ދަރިވަރުންނަކީވެސް، މަތީ ސާނަވީ ފުރިހަމަކޮށް އަދި މަތީ ތަޢުލީމުގެ މަރުޙަލާތައްވެސް ފުރިހަމަކޮށްގެން، ގައުމު ކުރިއެރުވުމަށްޓަކައި، ޚިދުމަތް ކުރާނެ ކުދިންތަކެއް ކަމުގައިވުން ކަމަށެވެ. ޒަމާނީ ތަރައްގީގެ ތެރެއަށް ރާއްޖެ ގެންގޮސްދިނުމަށް އެކުދީންގެ ޚިދުމަތަށް ވަރަށްބޮޑަށް ގައުމު އެދޭ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.