އެއްވެސް ސަރުކާރެއް ވައްޓާލަން ދެނެއް ފުލުހުންނެއް ނުނިކުންނާނެ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ މިހެން ވިދާޅުވީ ބުރާސްފަތި ދުވަހު ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން ދެއްވި ޚާއްސަ އިންޓަރވިއުއެއްގައެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތައްވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށެވެ. އަދި، މިހާރު މުއައްސަސާ ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންވެސް އެކަންކަން ކަށަވަރު ކުރެވިގެންދާނެ ކަމަށެވެ.

އަދި ސީޕީ ކަމުގެ މަޤާމުން އެނބުރި ވަޑައިގަންނަވާނީ އެ ޕްރޮފެޝަނަލިޒަމް ފުލުހުންގެ ތެރޭގައި ޤާއިމުކޮށްފައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ. ސީޕީ ވިދާޅުވީ އެއީ މާޒީ ކަމަށާ މާޒީން ފުލުހުންނަށް ގިނަ އިބްރަތް ތަކެއް ލިބިފައިވާ ކަމަށެވެ،

"އަޅުގަނޑު ޤަބޫލެއް ނުކުރަން ފުލުހުންގެ މުއައްސަސާގައި މިއަދު ތިބި ފަރާތްތައްވެސް އަދި ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިބި ފަރާތްތައްވެސް، އަދި މިހާރު މުއައްސަސާ ހަރުދަނާ ކުރުމަށް އަޅަމުންދާ ފިޔަވަޅުތަކުގެ ތެރެއިންވެސް އެކަންކަން ކަށަވަރު ކުރެވިގެންދާނެ، އެ ޕްރޮފެޝަނަލިޒަމް ޤާއިމު ކޮށްފައި އަޅުގަނޑު މިތަނުން ނުކުމެގެންދާނީ، އެހެންވީމާ އަޅުގަނޑު ޤަބޫލެއް ނުކުރަން ފުލުހުން އެ ޒާތުގެ ކަމެއް ކުރާނެ ކަމަކަށް"

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ގައި ފުލުހުންނާއި ސިފައިން ސަރުކާރާ ދެކޮޅަށް ނިކުމެ ވެރިކަން ވައްޓާލިއެވެ.

އެއަށްފަހު ޑރ. މުހައްމަދު ވަހީދުގެ ވެރިކަމުގައި އެ މައްސަލަ ތަހުޤީޤު ކުރުމަށްފަހު އޭރު ނިންމީ، ވެރިކަން ނިމުމަކަށް އައީ ބަޤާވާތަކުން ނޫން ކަމަށާއި، އެއްވެސް މަޖުބޫރުކަމެއް އޮވެގެން ނޫން ކަމަށެވެ.