ހުޅުމާލެ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕްތައް ހަދާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިއުލާން ކޮށްފި އެވެ.

އެޗްޑީސީ އިން ކުރި އިއުލާނެއްގައި ބުނެފައި ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބަސް ސްޓޮޕް ގާއިމު ކޮށްދޭން ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށެވެ.މި މަޝްރޫއަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 50،000ރ. ދައްކަން ޖެހެ އެވެ.

ބަސް ސްޓޮޕް ހެދުމަށް ޝައުގުވެރިވާ ފަރާތްތަކަށް ޒޫމް މެދުވެރިކޮށް މައުލޫމާތު ދިނުމަށް ޕްރީބިޑް ބައްދަލުވުމެއް މި މަހުގެ ނުވަ ވަނަ ދުވަހު ބާއްވާ މަޝްރޫއު ހިންގާ ސަރަހައްދު އެ ދުވަހު ދައްކާނެ ކަމަށް އެޗްޑީސީން ބުނެއެވެ. ބިޑް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ މިމަހުގެ 24 ވަނަ ދުވަހެވެ.

ހުޅުމާލޭ ދެވަނަ ފިޔަވހީގައި މިހާރު މީހުން ދިރިއުޅެން ފަށާފައިވާއިރު ދެވަނަ ފިޔަވަހިން ފްލެޓް ލިބުނު މީހުނަށް ފްލެޓް ދިނުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.