ރާއްޖޭގައި ހިންގާ ރިސޯޓުތަކުން އެއްވެސް ބާވަތެއްގެ ކުނި ކަނޑަށް އެޅުން މަނާކޮށް "ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ރައްކާތެރިކުރުމާ ބެހޭ ގަވައިދު" އިސްލާހުކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ ފަތުރުވެރިކަމުގެ ދާއިރާގައި ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާ ބެހޭ ގަވާއިދަށް އިސްލާހެއް ގެނެސްފައިވާ ކަމަށެވެ. އެގޮތުން މިއިސްލާހުގައި ވަނީ އެގަވާއިދުގެ 5.3.3 ވަނަ މާއްދާ އެ ގަވާއިދުން އުވާލަން ނިންމާފަ އެވެ.

އެ މާއްދާގައި ބުނެފައިވަނީ ކައިރި ހިސާބެއްގައި ކުނި އުކާލާނެ ތަނެއް ނެތް ހާލަތެއްގައި ކުނި ކަނޑަށް އަޅަން ޖެހިއްޖެ ނަމަ އުކާލެވޭނީ، ހަމައެކަނި ކާބޯތަކެތީގެ ބާކީ ބަޔާއި، ބެހެއްޓުމުން އަމިއްލައަށް ނެތިފަނާވެދާ ކުނި ކަމަށެވެ.

މިނިސްޓްރީން މި ގަވާއިދު އުވާލާފައި މިވަނީ ރ. އެމަރެލްޑް މޯލްޑިވަސް ރިސޯޓުން ކަނޑަށް ކުނި އެޅި މައްސަލައެއް ފެންމަތިވެ، އެ މައްސަލަ ކަމާބެހޭ އިދާރާތަކުން ބަލަމުންދާ ދަނޑިވަޅެއްގައެވެ.

އެންވަޔަރަމަންޓު ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ވަނީ އެ ރިސޯޓަކުން ކަނޑަށް ކުނި އެޅި މައްސަލަ ބަލަމުން އަންނަ ކަމަށް ބުނެފައެވެ.