ރ. ވާދޫގައި ފުޓްސެލް ކުޅުމުގައި ހަރަކާތްތެރިވާ މަދު ބަޔަކު ކައުންސިލާ ބެހޭގޮތުން އާންމުކޮށްފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ހަގީގަތާ ޚިލާފު ދޮގު ވާހަކަތަކެއް ކަމަށާއި އެވާހަކަތައް ކުށްވެރިކުރާ ކަމަށް ވާދޫ ކައުންސިލުން ވިދާޅުވެެއްޖެއެވެ.

ވާދޫ ކައުންސިލުން ވިދާޅުވެފައިވަނީ އެ ކައުންސިލުން ފުޓްސެލް މުބާރާތެއް ބޭއްވުމަށް ބަޖެޓް ނެތްކަމަށާއި، ފުޓްސެލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ކައުންސިލްގެ ބައްދަލުވުމަކުން ނިންމި ނިންމުމުގެ މެޖޯރިޓީ ނުލިބޭކަމަށްބުނެ ފުޓުސެލްކުޅޭ މީހުގެ ތެރެއިން މަދުބަޔަކު ފަތުރާފައިވާ ވާހަކަތަކުގެ ސަބަބުން ރައްޔިތުންގެ މެދުގައި ކަންބޮޑުވުންތައް އުފެދި ނުރަނގަޅު ތަސައްވުރެއް އުފެދިދޭނެ ކަމުގެ ފުރުސަތު އެބައޮތް ކަމަށް ކައުންސިލުން ވިދާޅުވެފައިވެއެވެ.

"ވާދޫގެ 4 ވަނަ ދައުރަށް އަލަށް އިންތިޚާބުވި ކައުންސިލްގެ މިދައުރުގައި މިހާތަނަށް ބޭއްވި އެއްވެސް ރަސްމީ ބައްދަލުވުމެއްގައި، ފުޓުސެލް މުބާރާތެއް ބޭއްވުމަށް އެޖެންޑާކޮށްފައި ނުވާކަމަށާއި، އަދި އެމައުޟޫގައި އެއްވެސް މަޝްވަރާއެއް ކޮށް، މިހާތަނަށް އެއްވެސް ވޯޓަކަށް އަހާފައި ނުވާނެކަމުގައި ދަންނަވަމެވެ. އަދި މިކައުންސިލްގެ ދައުރުގައި އެއްވެސް ފަރާތަކުން ރަސްމީކޮށް ފުޓުސެލް މުބާރާތެއް ބޭއްވުމާއި ގުޅޭގޮތުން ފައިސާގެ އެހީތެރިކަމެއް ހޯދުމަށް އެދި ހުށަހަޅާފައިވެސް ނުވާކަމުގައި ދަންނަވަމެވެ." ވާދޫ ކައުންސިލުން ނެރެފައިވާ ބަޔާނެއްގައި ވިދާޅުވެފައިވެއެވެ.

އެ ރަށުގައި ފުޓްސެލްކުޅޭ މަދުބަޔަކު މިފަދަ ނޭދެވޭ ވާހަކަތަކެއް ފަތުރާފައިވަނީ ކައުންސިލާއިމެދު ނަފުރަތު އުފެއްދުމުގެ ގޮތުން ކައުންސިލަށް ނިސްބަތްވާ މެންބަރެއްގެ ފަރާތުން ދީފައިވާ ދޮގުމައުލޫމާތެއްގެ ސަބަބުންކަން ފާހަގަ ވެފައިވާ ކަމަށް ވެސް ވިދާޅުވެފައިވެއެވެ.

ވާދޫގެ އާބާދީ ކުޑަވުގެސަބަބުން ސަރުކާރުން ދެއްވާ ބަޖެޓް ކުޑަވުމާއި، އާންމުދަނީ ލިބޭނެ މާގިނަ ވަސީލަތްތަކެއް ނެތުމާއިއެކު، ކައުންސިލް ހިންގަމުންގެންދަނީ ވަރަށް ކުޑަބަޖެޓަކުން ކަމަށް ވެސް އެބަޔާނުގައި ވިދާޅުވެފައިވެއެވެ. "ނަމަވެސް ކައުންސިލްގެ ބުރަމަސައްކަތުން އެކިފަރާތްތަކުގެ ދީލަތި އެހީތެރިކަމާއި، ސަރުކާރާއި ގުޅިގެން ވާދޫގައި ކުޅިވަރު ކުރިއަރުވާ، ކުޅިވަރުގެ ވަސީލަތްތައް އިތުރުކުރުމަށް ބުރަމަސައްކަތްތަކެއް ކޮށްފައިވާނެއެވެ. އެގޮތުން ރ. އަތޮޅުގައި ޓާރފުއަޅައިގެން ޤާއިމްކުރެވުނު ފުރަތަމަ ތިންފުޓްސެލް ދަނޑުގެ ތެރޭގައި ވާދޫގެ ފުޓްސެލްދަނޑު ހިމެނޭނެއެވެ." އެބަޔާނުގައި ވެއެވެ.

ވާދޫ ފުޓްސެލް ދަނޑެއް ފުރަތަމަ ގާއިމް ކޮށްފައިވަނީ 2017 ވަނައަހަރު ތެރޭގައެވެ. އެއަށްފަހު އެތަނުގެ މަރާމާތަށާއި، ފުޓްސެލް ކުޅުމަށް ކައުންސިލްގެ ބަޖެޓުންނާއި ސަރުކާރުގެ އެހީތެރިކަމާއެކު ބޮޑު ހޭދައެއް މިހާތަނަށް ވަނީ ވެފައި ކަމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮތުން ފުޓްސެލް ދަނޑުގެ ލައިޓުތައް 4 ފަހަރެއްގެ މަތިން ބަދަލުކޮށް އަޕްގްރޭޑްކޮށްފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެެއެވެ.

ދަނޑުގައި ރަބަރސޭންޑް މަދުވުމުގެ ސަބަބުން ކަމާބެހޭ އިދާރާތަކުގައި ދަންނަވައިގެން ރަބަރސޭން އިތުރަށް ހޯދައިގެން މިހާރުވަނީ އަޅައިފައެވެ. މީގެ އިތުރުން ބޯޅަދަނޑުގެ ފެންސް މަރާމާތުކޮށްދީ ކުލައާއި ދަވާދުވެސް އެތައްފަހަރެއްގެ މަތިން ހޯދައިދީފައިވާނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އަދި ފުޓްސެލް މުބާރާތްތައް ބޭއްވުމަށް ޚާއްސަކުރެވިގެން ކައުންސިލުން 6 ޖޯޒީބައި ވަނީ ހޯދައިފައެވެ. އެހެެނަސް ޓީމްތަކުން އެދުމުން އަނބުރާ ރައްދުކުރާގޮތަށް އެޖޯޒީތައް ދޫކުރުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖެެހިފައި ކަމަށް ވިދާޅުވެފައިވއެވެ.

"ހަމައެއާއިއެކު، ރަށުގެ ޒުވާނުންނާއި، އެކިއެކި ކުލަބް ޖަމްޢިއްޔާތަކުން ފުޓްސެލް ކުޅުމަށް ފައިސާގެ އެހީތެރިކަން ހޯދުމަށް ކައުންސިލްގައި އެދުމުން، ކައުންސިލްގެ ބަޖެޓް ތަންދިން އެންމެ މަތީ މިންވަރުން މިހާތަނަށް ބޭއްވުނު ހުރިހައި ފުޓުސެލް މުބާރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާނެއެވެ. މީގެ އިތުރުން ކައުންސިލްގެ މި ދައުރުގައިވެސް ފުޓްސެލްކުޅޭނެ ބޯޅަ ހޯދައިދީފައިވާނެއެވެ."

މީގެން އިތުރުން "މިކައުންސިލްގެ ދައުރުގައި ކުޅިވަރުގެ ދާއިރާ ކުރިއަރުވާ، މުބާރާތްތައް އިންތިޒާމްކުރުމުގެ މަޤުޞަދުގައި، ވާދޫއަށް ކަނޑައަޅާފައިވާ ސްޕޯޓްސް ކައުންސިލަރު، 2021 ވަނަ އަހަރުގެ އޮގަސްޓް މަހުންފެށިގެން ކައުންސިލް އިދާރާގެ މުވައްޒަފަކަށް ބަދަލުވުމާއެކު، ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން، ކުޅިވަރު ކަލަންޑަރެއް އެކުލަވާލުމަށް އެންގިފައިވާނެއެވެ."

މިހިނގާ ކައުންސިލުގެ ބަޖެޓުގެ ތާށިކަމާއެކުވެސް ކުޅިވަރުގެ ހަރާކާތްތައް ހިންގުމަށް 23000 ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ ކަމަށް އެތަނުން ވިދާޅުވެފައިވެއެވެ. މިއަހަރުވެސް ފުޓްސެލްދަނޑުގެ މަރާމާތުކުރުމަށް އެހީތެރިކަމަށް އެދި ކަމާގުޅޭ އިދާރާތަކަށް ގިނަ ސިޓީތަކެއް ފޮނުވާފައިވާނެކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

ފުޓްސެލް އަކީ އެ ކައުންސިލުން މިހާތަނަށް އެންމެ ގިނަ ޚަރަދުކޮށް، އެންމެ ބޮޑު ސަމާލުކަމެއްދީފައިވާ އެއް ކުޅިވަރު ކަމަށް ވެސް ނޫސްބަޔާނުގައި ވިދާޅުވެފައިވެވެ. "ވާދޫގައި ބޭއްވުމަށް ކަނޑައެޅިފައިވާ މީދާ މަދުކުރުމުގެ ހަރަކާތަކީ ކައުންސިލްގެ ބަޖެޓުގައި ޕެސްޓް ކޮންޓްރޯލްކުރުމަށް ކަނޑައެޅިފައިވާ ވަކި ބަޖެޓަކުން ކުރިއަށް ގެންދާ ހަރަކާތަކަށްވާއިރު، ކުޅިވަރުގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް މިކަމުން އެއްވެސް އަސަރެއް ނުކުރާނެކަމުގައި ދަންނަވަމެވެ."

ހަގީގަތް ހާމަކުރެއްވުމަށް ކަމަށް ވިދާޅުވެ ކައުންސިލުން ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވަނީ ފުޓްސެލް މުބާރާތެއް ބޭއްވުމަށް ބަޖެޓްނެތްކަމަށާއި، ކައުންސިލްގެ މެޖޯރިޓީ ނެތްކަމަށް ބުނެ ކައުންސިލާއި ކައުންސިލްގެ މެމްބަރުން ބަދުނާމުކޮށް، ކައުންސިލްގެ އިދާރާގެ އަގުވައްޓާލާ، ރަށުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން ގެއްލި، ފިތުނަ އުފެދޭގޮތަށް ދޮގު ޚަބަރު ފަތުރާފައިވާތީ، އެކަން ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާ ކަމަށް ވެސް އެބަޔާނުގައިވެއެވެ. ހަމައެހެންމެ، ވާދޫއާއި، ވާދޫގެ ރައްޔިތުންނާއި، ވާދޫކައުންސިލަށް ލިބިފައިވާ ރީތިނަން ކިލަނބުކޮށް، ވަކި މަޤުސަދެއް ޙާސިލްކުރުމަށް ފަތުރާފައިވާ ހަގީގަތާ ޚިލާފު ދޮގު ޚަބަރުތައް ބަލައިނުގަންނަ ކަމުގައި ވެސް ވިދާޅުވެފައިވެއެވެ.

އަބަދުވެސް މަސައްކަތް ކުރަމުން ގެންދަނީ ވާދޫ ރައްޔިތުންގެ ޙައްޤުގައި އެފަރާތްތަކަށް އެންމެ އުފާފާގަތި ދިރިއުޅުމެއް ހޯދައިދިނުމުގެ ވަރުގަދަ އަޒުމުގައި އަމާނާތްތެރިކަމާއި ނަޒާހާތްތެރިކަމާއި އެކުގަި ކަމަށް ވެސް ވިދާޅުވެފައިވެއެވެ.