މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަށް 10،000 މެންބަރުން ހަމަކުރެވިފައިވާކަން އެ ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ ކުރު މުއްދަތެއްގެ ތެރޭގައި އެމްއެންޕީގެ މެންބަރުންގެ އަދަދު 10000 އަށްވުރެ އިތުރު ކުރުމަށްޓަކާ މަސައްކަތްކޮށްދެއްވި ޕާޓީގެ ހުރިހާ މެންބަރުންނަށް މަރުހަބާއާއި ޝުކުރު އަދާކޮށްފައެވެ.

"އެމްއެންޕީ އަކީ ކުރިމަގު އުޖާލާ ޕާޓީއެއް" ނާޒިމް ވިދާޅުވި އެވެ.

އެމްއެންޕީން ވަނީ މި އަހަރު ނިމުމުގެ ކުރީން 10،000 މެންބަރުން ހަމަކުރުމަށް އަމާޒު ހިފާ މަސައްކަތް ފަށާފައެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެމްއެންޕީ ރަޖިސްޓްރީކޮށްފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު އެވެ. އެ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވީ މި މަހުގެ އަށް ވަނަ ދުވަހެވެ. އެ ޖަލްސާގައި، ޕާޓީގެ އިންތިގާލީ ރައީސް ކަމަށް ހަމަޖެއްސީ ނާޒިމް އެވެ.