ރާއްޖޭގައި ގާއިމްކުރާ ފުރަތަމަ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ ބިންގާ އަޅައިފިއެވެ.
މިސެންޓަރަކީ ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ 80 ވަނަ މާއްދާގެ 1 ގައި ބަޔާންކުރާ ކަންކަމުގެ ތެރެއިން ކަމެކެވެ. ދ ކުޑަހުވަދޫގައި ގާއިމްކުރާ މިސެންޓަރުގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއާޒް އިމްރާން އަބްދުﷲއެވެ.
މިސެންޓަރަކީ ކުށުގެ ވެށްޓަށް ހުށަހެޅިފައިވާ ކުޑަކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކޮށްގެން, އިސްލާހުކޮށް މުޖުމަތައަށް އަނބުރާ ނެރުމަށްޓަކައި ބޭނުންވާ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރުން އިމާރާތް ކުރާ ސެންޓަރެކެވެ. އަދި ކޯޓް އަމުރުގެ ދަށުން ވަކި މުއްދަތަކަށް އެކަހެރިކޮށް އެކުދިންނަށް ރައްކާތެރިކަން ދިނުމާއެކު އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމުގެ އިންތިޒާމްވެސް ހަމަޖައްސާނީ މިމަރުކަޒުގައެވެ.
މިފަދަ ކުދިންނަކީ ކުށުގެ ރެކޯޑަށް ބަލައި މުޖުތަމައުގައި ބައިތިއްބައިގެން އިސްލާހު ކުރުމުގެ މަސައްކަތް ނުކުރެވޭ ގިންތީގެ ކުދިންނެވެ. މި މަރުކަޒުގައި ކުދިން ތިބޭނީ އެކުދިން ފުރިހަމަ ކުރަންޖެހޭ ޕްރޮގްރާމްތައް ފުރިހަމަކޮށް ނިމެންދެންނެވެ.
ދެ ފަންގިފިލާއަށް އިމާރާތްކުރާ އިމާރާތެއްގެ ގޮތުގައި ދ.ކުޑަހުވަދޫގައި އިމާރާތްކުރާ ފުރަތަމަ ސެންޓަރުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިއީ އެކާވީސް މިލިއަން ހަލައްކަ އަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއެކެވެ.
ކުޑަހުވަދޫގައި އިމާރާތްކުރާ ރެޒިޑެންޝަލް ޓްރީޓްމަންޓް ސެންޓަރުގެ މަސައްކަތް ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ހޯމް އެފެއާޒް އާއި ވީ. އަވާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެމެދު ސޮއިކުރީ މިދިޔަ ސެޕްޓެމްބަރ 27 ގައެވެ. މި މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައިވާ ބިން އެކުންފުންޏާ ހަވާލުކުރީ މިދިޔަ އޮކްޓޯބަރ މަހުގެ ތިން ވަނަ ދުވަހުއެވެ.