ބީއެމްއެލްއިން ރަހުނަކާ ނުލައި ފަސްލައްކަ ރުފިޔާއާ ހަމަޔަށް ދޫކުރާ ގްރީން ލޯން ތައާރަފްކޮށްފިއެވެ.

ގްރީން ލޯން ދޫކުރުމަށް ހަމަޖެހިފައިވަނީ އިޔާދަކުރަނިވި ހަކަތައިގެ ޕްރޮޖެކްޓްތަކުގެ ތެރެއިން އިރުގެއަވިން ހަކަތަ އުފެއްދުމަށް ނުވަތަ އެނަރޖީ އެފިޝަންޓް މުދާ ގަތުމަށާއި އެފަދަ ޕްރޮޖެކްޓްތަކަށް އިންވެސްޓްކުރުމަށެވެ.

ގްރީން ލޯނަށް ޝަރުތު ހަމަވާ ކަސްޓަމަރުންނަށް ފަންސާސް ހާސް ރުފިޔާއިން ފެށިގެން ފަސް ލައްކަ ރުފިޔާއާ ހަމަޔަށް ލޯނު ލިބޭނެކަމަށް ބީއެމްއެލް އިން މައުލޫމާތުދެއެވެ. މި ލޯނު އަނބުރާ ދެއްކުމަށް 5 އަހަރުގެ މުއްދަތެއް ލިބެއެވެ.

ބޮޑު އިންވެސްޓެއް ކުރުމަށް ބޭނުންވާ އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 20 މިލިއަން ރުފިޔާއާ ހަމައަށް ގްރީން ލޯން ލިބޭ ގޮތް ހަމަޖައްސައި އިންޓްރެސްޓް ރޭޓް %10 އަށް ދަށްކޮށްފައިވާކަމަށް ބީއެމްއެލްއިން ބުނެއެވެ.

އަދި މި ގޮތަށް ލޯނަށް އެދި ހުށަހަޅާ ފަރާތްތަކުން ޕްރޮޖެކްޓްގެ %15 އަމިއްލައަށް ހަރަދު ކުރަންޖެހޭ އިރު ލޯނު އަނބުރާ ދެއްކުމަށް 20 އަހަރު ލިބިގެންދާނެއެވެ.

ކަސްޓަމަރުންނަށް މާލީ އެހީތެރިކަން ހޯދުމުގައި ލުއިތަކެއް ހޯދައިދިނުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ތެރެއިން މި ގެނެވުނު ބަދަލާއެކު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް ހެޔޮ އަގެއްގައި ދެމެހެއްޓެނެވި ހަކަތަ ބޭނުންކުރާ މުޖުތަމައެއް އުފެއްދުމަށް ފުރުސަތު ލިބިގެންދާނެކަމަށް ބީއެމްއެލްއިން ޤަބޫލުކުރެއެވެ.