ކޮވިޑް-19 ގެ އާ ވޭރިއެންޓާ ގުޅީގެން ރާއްޖެ އަނެއްކާވެސް ބަންދުކުރުން ވާނީ ގެއްލުންބޮޑު ވިސްނުމަކަށް ކަމަށް ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ، ކޮވިޑް-19 ގެ އާ ވޭރިއެންޓް "އޮމިކްރޮން"އާ ގުޅިގެން އަޅާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މިއަދު މަޝްވަރާ ކުރައްވާނެކަން ރައީސް ސޯލިހް ހާމަކުރެއްވުމުންނެވެ.

އެމްޑީޕީގެ މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕަކަށް ފޮނުވި މެސެޖެއްގައި ރައީސް ނަޝީދު ވިދާޅުވީ، އަނެއްކާ ރާއްޖެ ބަންދުކުރުމުގެ ވިސްނުން ވާނީ ވަރަށް ގެއްލުންބޮޑު ވިސްނުމަކަށް ކަމަށެވެ.

"ކޮވިޑާއެކު އުޅުންނޫންގޮތެއް ނެތް." ރައީސް ނަޝީދު ފޮނުވި މެސެޖްގައި ވެއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އާ ކޮވިޑު ވޭރިއަންޓެއް ކަމަށްވާ "އޮމަކްރޮން" ގެ ވާހަކަ އަކީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށެވެ. އަދި އެކަމާ ގުޅިގެން ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން މިއަދު ބައްދަލުކޮށް، ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ މެދު ގޮތެއް ނިންމަވާނެ ކަމަށް ރައީސް ސޯލިހް ވިދާޅުވިއެވެ.