އައްޑޫ ސިޓީ ބަޔޮސްފިއަރ ރިޒާވަކަށް ވުމުން އެކަމާ ވަރަށްބޮޑަށް ފަޚުރުވެރިވެ ވަޑައިގަންނަވާ ކަމަށް އެސީޓިގެ މޭޔަރ ޢަބްދުﷲ ސާދިގު ވިދާޅުވެއްޖެއެވެ. އޭނާ ވިދާޅުވީ އެކަމަކީ، ތަރައްޤީގެ ގިނަ ފުރުސަތުތަކެއް އައްޑޫ ސިޓީއަށް ލިބިގެންދާނެ ކަމެއް ކަމަށެވެ.

"ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވް" ގެ ލަޤަބު އައްޑުއާއި ފުވައްމުލަކަށް ލިބުމާ ގުޅިގެން ކުރިއަށް އޮތް މަރުޙަލާތަކަށް ތައްޔާރުވުމުގެ ގޮތުން މިއަދު ކުރިއަށްގެންދެވި ވެބިނަރގައި ވާހަކަފުޅުދައްކަވަމުން ސޯބެ ވިދާޅުވީ، ބަޔޮސްފިއަރ ރިޒާވެއްގެ ބޭނުމަކީ ހިމާޔަތްކުރުމާއެކު، ދެމެހެއްޓެނިވި ތަރައްޤީ އާއި ތަޢުލީމާއި ދިރާސާއަށް ބޭނުންވާ ލޮޖިސްޓިކްސް ފޯރޮކޮށްދިނުމެވެ. "އެންވަޔަރަންމަންޓް މިނިސްޓްރީގެ ލަފާފުޅާއެކު ބަޔޮސްފިއަރ ރިޒާވް ބެލެހެއްޓުމުގެ ފުރިހަމަ ޒިންމާ އާއި މަސްއޫލިއްޔަތު ސިޓީ ކައުންސިލުން ނަގަން ޖެހޭ" ސޯބެ ވިދާޅުވިއެވެ.

ސޯބެ ވިދާޅުވީ، ކުރު މުއްދަތެއްގެ ތެރޭގައި އައްޑޫ ބަޔޮސްފިއަރ ރިޒާވް އަކަށް ވެެގެން ދިޔައީ، އައްޑޫގެ ރައްޔިތުންނާއި ޖަމިއްޔާތަކުން ތިމާވެށި ހިމާޔަތްކުރަން ކުރެއްވި މަސައްކަތުގެ ސަބަބުންނެވެ. އައްޑޫގައި ނޭޗަރ ޕާކެއް ޤާއިމުކުރުމަށް އެކުވެރި ދަޢުލަތްތައް (އީ.ޔޫ) އާއި ވާރލްޑް ބޭންކް އަދި އޮސްޓްރޭލިއާގެ ސަރުކާރުން ފޯރުކޮށްދެއްވި އެހީތެރިކަން ވަރަށްބޮޑު ކަމަށް ސޯބެ ވިދާޅުވިއެވެ.

ބަޔޮސްފިއަރ ރިޒާވް އަކަށް ވުމުން ލިބޭނެ ފައިދާއަކީ ކޮބައިތޯއެވެ؟ މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން ވިދާޅުވީ، އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒަރވްއަކަށް ވުމުން ދެމެހެއްޓެނިވި ތަރައްގީ އަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރެވި އެތަނެއްގެ އާދަކާދަތަކާއި ސަގާފަތާއި ދިރިއުޅުމަށް ކުރާ މަސައްކަތްތައް ކުރިއެރުވުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށެވެ.

އައްޑޫގައި ގެސްޓްހައުސް ތަރައްޤީކުރުމަށް ކައުންސިލުން ހުޅުވާލާފައިިވާއިރު، ބަޔޮސްފިއަރ ރިޒާވްގެ ލަގަބް އައްޑޫއަށް ލިބުމުން ފަތުރުވެރިންގެ ޝައުގުވެރިކަން އައްޑުއަށް ބޮޑުވެގެންދާނެއެވެ. ބަޔޮސްފިއަރ ރިޒަރވްގެ ލަގަބު ލިބިފައިވާ ސަރަހައްދުތަކަކީ މުޅި ދުނިޔެއިންވެސް ބަލައިގަންނަ އަދި ފަތުރުވެރިންވެސް އެތަންތަނަށް ޒިޔާރަތްކުރަން ބޭނުންވާ ތަންތަނެވެ. އެގޮތުން އިޤްތިސާދީ ގޮތުން ބަލާކަމަށްވާނަމަ އެ ތަނަކުން ތައްޔާރުކޮށް ފަތުރުވެރިންނަށް ވިއްކާ އެކިއެކި އަމިއްލަ އުފެއްދުންތަކުގައިވެސް ޔުނެސްކޯ ބަޔޮސްފިއަރ ރިޒާވްގެ ނަން ހިމަނައިގެން އިތުރު އަގަކާއިއެކު ވިއްކުމުގެ ފުރުސަތުވެސް އޮންނާނެއެވެ.

މިއަދުގެ ވެބިނާރ އަކީ، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓާއި، ބ. އަތޮޅު ކައުންސިލްގެ އިދާރާއާއި ބ. އަތޮޅުގެ ބަޔޮސްފިއަރ ރިޒާވްގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔަ ވެބިނަރއެކެވެ. މި ވެބިނަރގައި އައްޑޫ ސިޓީ ކައުންސިލްގެ އިތުރުން ފުވައްމުލައް ސިޓީ ކައުންސިލުން ބައިވެރިވިއެވެ.

އައްޑޫ އަދި ފުވައްމުލައް ބަޔޮސްފިއަރ ރިޒާވް އަކަށް ހެދުމަށް މިދެސިޓީގެ ރައްޔިތުންގެ މެދުގައި ސިޓީ ކައުންސިލް މެދުވެރިކޮށް ވަނީ ސާރވޭއެއް ކުރިއަށްގެންގޮސްފައެވެ. މި ސާރވޭގެ ނަތީޖާ ދައްކާގޮތުން ސާރވޭ ކުރެވުނު މީހުންގެ ތެރެއިން 90 އިންސައްތައަށްވުރެ ގިނަ މީހުން މިދެއަތޮޅު ބަޔޮސްފިއަރ ރިޒާވް އަކަށް ހަދަން ބޭނުންވިއެވެ.