ހިޔާ ފްލެޓްތަކަށް މިއަދުން ފެށިގެން އަލުން ފެން ބިލް ފޮނުވަން ނިންމައިފި އެވެ.

ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި އިއްޔެ ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހް ވިދާޅުވީ ހިޔާ ފްލެޓުތަކަށް ބިލު ފޮނުވަން ފަށާނީ ހިޔާ ފްލެޓުގައި ކޮންޓްރެކްޓަރު އަޅުވާފައި ހުރި މީޓަރަށް ދިމާވެފައިވާ އެކި ކަހަލަ ޓެކްނިކަލް މައްސަލަތައް ބެލުމަށްފަހު ކަމަށެވެ.

އެގޮތުން ހިޔާ ފްލެޓުގައި މީޓަރު އަޅުވާފައި ހުރި އިރު، އިމާރާތްކުރި ކޮންޓްރެކްޓަރުން އެތަނުގައި އަޅުވާފައި ހުރީ އެމް.ޑަބްލިޔު.އެސް.ސީ އިން ބޭނުންކުރާ ކަހަލަ މީޓަރެއް ނޫން ކަމަށާއި އަދި އެމް.ޑަބްލިޔު.އެސް.ސީ ގެ މީޓަރަށް ނުވުމުން އެމް.ޑަބްލިޔު.އެސް.ސީ ގެ ސްޓޭންޑަރޑާ އެއްގޮތަށް ސައްހަ ރީޑިންގއެއް ނެގިދާނެކަމާމެދު ޔަގީންކަމެއް ނެތުމުން، އެކަން ހައްލުކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

ޝާހު ވިދާޅުވީ ކޮންޓްރެކްޓަރު އަޅުވާފައި ހުރި ފޯލްޓީ މީޓަރު އަދި މީޓަރުތަކުގައި ކޮމަން ސީރިއަލް ނަންބަރު ހުރުމުގެ ސަބަބުން، އެމް.ޑަބްލިޔު.އެސް.ސީ ގެ ޑޭޓާބޭސްއަށް އެޅުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. މިގޮތަށް ހުރި އެތައް މައްސަލައެއް ހައްލު ކުރުމަށް މަސައްކަތްތަކެއް ކުރުމަށް ފަހު، 3500 އާއި 4000 މީޓަރާ ދޭތެރޭގެ އަދަދަކަށް ސައްހަ މީޓަރު ހުރިކަން ފާހަގަކުރެވިފައިވާ ކަމަށް ޝާހު ވިދާޅުވި އެވެ. އަދި ސައްހަ މީޓަރުތަކަށް ފެން ބިލް ހެދުމަށް މިހާރު އެމް.ޑަބްލިޔު.އެސް.ސީ ތައްޔާރު ކަމަށްވެސް ޝާހު ވިދާޅުވި އެވެ.