ތިން ދުވަސް ތެރޭގައި ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު ހާޒިރު ނުވެއްޖެ ނަމަ, އޭނާއަށް ޖާމިނުވި ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑުބަރޭ) އަށް ފިވަޔަޅު އެޅުމަށް ކްރިމިނަލް ކޯޓުން ނިންމައިފިއެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތް އަޑު އެހުމަށްވެސް އަލީ ވަހީދު ހާޒިރުވުމަށް އެންގި ނަމަވެސް އޭނާ ހާޒިރުވެފައި ނުވެއެވެ. މައްސަލަ ބައްލަވާ ޤާޒީ ނިންމެވީ އަލީ ވަހީދު ހާޒިރު ނުވުމުން، ޖާމިނުކޮށްފައިވާ އަސްހަދުއަށް ފިޔަވަޅު އެޅުމަށެވެ. އެގޮތުން ކުރިއަށް އޮތް 3 ދުވަހުގެ ތެރޭގައި އަލީ ވަހީދު ކޯޓަށް ހާޒިރު ނުވެއްޖެނަމަ ފިޔަވަޅު އެޅާނެކަމަށް ޤާޒީ ވަނީ ވިދާޅުވެފައެވެ.

އާންމުކޮށް ސިއްރުކޮށްގެން ބާއްވާ މިމައްސަލައިގެ އަޑުއެހުންތައް މިއަދު ބާއްވާފައިވަނީ އާންމުކޮށް ހުޅުވާލައިގެންނެވެ. މިއަދުގެ އަޑު އެހުމުގައި، މައްސަލަ ބައްލަވާ ގާޒީ ހަސަން ސައީދު ވިދާޅުވީ އަލީ ވަހީދަށް ބޭރުގައި ހުރެގެން ޝަރީއަތުގައި ބައިވެރިވެވޭނެ އިންތިޒާމް ހަމަޖައްސައިދިނީ އޭނާއަށް ބޭސްފަރުވާ ބޭނުންވާ ކަމަށް ބުނެ ލިޔުންތައް ހުށަހެޅުމުން އެކަމަށް ރިއާޔަތްކޮށެވެ. ނަމަވެސް, އެކަމަށް މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށް ގާޒީ ވިދާޅުވިއެވެ.

ޤާޒީ ވިދާޅުވީ މިމައްސަލައިގައި އަލީ ވަހީދު ރާއްޖޭގެ އެންމެ މަތީ ކޯޓުތަކުގެ ހުރުމަތްވެސް ކަނޑާލާފައިވާކަމަށާއި، މިމައްސަލާގައި ދެން އޮންލައިންކޮށްވެސް ޝަރީއަތް ނުގެންދެވޭނެކަމަށެވެ. ޤާޒީ މިހެން ވިދާޅުވީ ސްޕްރީމް ކޯޓުން އޮންލައިންކޮށް ޝަރީއަތް ނުކުރެވޭނެކަމަށް ނިންމައި ކޮށްފައިވާ ހުކުމަށް ރިއާޔަތްކޮށެވެެ.