ސާފުތާހިރުކަން ކުޑަވެގެން "ދޮންގޮއްޔެ" ބްރޭންޑުގެ ކާބޯތަކެތި ވިއްކުމާއި ބޭނުންކުރުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މަނާކޮށްފިއެވެ.

އެމްއެފްޑީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮތޯރިޓީއަށް ހުށަހެޅުނު ޝަކުވާ އަކާއި ގުޅިގެން 'ދޮންގޮއްޔެ" ބްރޭންޑްގެ ކާބޯތަކެތި އުފައްދާ ތަން އިންސްޕެކްޓް ކޮށްފައިވާ ކަމަށެވެ.

އެ އިންސްޕެކްޝަންގައި ތަނުގެ އާއްމު ސާފުތާހިރުކަން ވަރަށް ދަށްކަން ފާހަގަކުރެވިފައިވާ ކަމަށް އެމްއެފްޑީން ބުންޏެވެ. އެހެންކަމުން އެ ކާބޯތަކެތި ތައްޔާރުކުރާތަން އިސްލާޙު ނުކޮށް އެތަނުން އުފައްދާ އަދި ބަންދުކުރާ ތަކެތި ބޭނުންކުރުމަ ސަބަބުން އާއްމު ސިއްހަތަށް ނޭދެވޭ އަސަރުކުރުވާ އަދި ކާބޯތަކެތީގެ ޒަރީއާއިން ބައްޔެއް ފެތުރޭފަދަ ނުރައްކާތެރި ހާލަތެއް މެދުވެރި ވުމުގެ ފުރުސަތު އޮތްކަމަށް އެ އޮތޯރިޓީން ބުންޏެވެ.

އެހެންކަމުން މިހާތަނަށް ބާޒާރުގައި ހުރި މި ބްރޭންޑުގެ އުފެއްދުންތައް ވިއްކަން ބެހެއްޓުމާއި ވިއްކުމަކީ މަނާކަމެއް ކަމުގައި އާއްމުކޮށް އަންގާ، އެމްއެފްޑީން ވަނީ އިއުލާންކޮށްފައެވެ.