ސްޕްރީންކޯޓުން ރައީސް ޔާމީން މިނިވަން ކުރުމަށް މިއަދު ކުރެއްވި ހުކުމަކީ އިންސާފުވެރި ރަނގަޅު ޙުކުމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ޢުމަރު ވިދާޅުވީ މިއަދުގެ ޙުކުމުގެ ސަބަބުން ރައީސް ޔާމީން މިނިވަން ވިޔަސް އެމަނިކުފާނަށް ވެރިކަމަށް ވަޑައިގެނެވޭނެތޯ ނޫންތޯ އެއީ އަދިވެސް ހުޅުވިފައިވާ ސުވާލެއް ކަމަށެވެ.

"އެމަނިކުފާނުގެ މައްޗަށް ކުރެވޭ އިތުރު ތަހުމަތުތައް އަދިވެސް އެބަހުރި. އެކަންކަން ބަލަމުން މިހާރުވެސް ގެންދަނީ. ދެތިން ހަތަރު ކޭހެއް އަދިވެސް އެބައޮތްހެން ހީވަނީ. އެހެންވީމާ އެމަނިކުފާނަށް ވެރިކަމަށް ވަޑައިގަނެވޭނެތޯ ނޫންތޯ އެއީ އޯޕަން ސުވާލެއް. އެކަންކަން ނުނިމެނީސް އެ ސުވާލަށް ޖަވާބެއް ނެތް ލިބެން،" ޢުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ޔާމީނަކީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބުމާ ދެކޮޅު ބޭފުޅެއް ކަމަށެވެ. އެމަނިކުފާނުގެ ވެރިކަމުގައި އިންޑިއާ ސިފައިން ރާއްޖެއިން ފޮނުވާލަން މަސައްކަތް ކުރެއްވި ކަމީ އެކަމުގެ ހެއްކެއް ކަމަށް އުމަރު ވިދާޅުވިއެވެ. އެފަހަރު އެކަން ކާމިޔާބު ނުވީ އެމަސައްކަތް މާފަހުން ފެއްޓެވުމުން ކަމަށް ވެދާނެ ކަމަށް ވެސް ޢުމަރު ވިދާޅުވިއެވެ. ވެރިކަމުގެ ކުރީކޮޅުގައި އެ މަސައްކަތް ފެއްޓެވިނަމަ ކާމިޔާބު ވީސް ކަމަށް ޢުމަރު ވިދާޅުވިއެވެ. "އިންޑިއާ ސިފައިން މިފަސްގަނޑުން ނެރޭނެ އެއް ބޭފުޅެއް ރައީސް ޔާމީނަކީ. އެމަނިކުފާނަކީ އެކަމާ ދެކޮޅު ހައްދަވާ ބޭފުޅެއް. އެކަމުގެ ހެކި އެ ސަރުކާރުން އިންޑިއާ ސިފައިން ފޮނުވާލަށް ކުރެއްވި މަސައްކަތަކީ،" ޢުމަރު ވިދާޅުވިއެވެ.

ވެރިކަން ލިބިއްޖެ ކަމަށްވާނަމަ އިންޑިއާ ސިފައިން ރާއްޖޭއިން ބޭރުކުރާނެ ކަމަށް ޢުމަރު ނަސީރުވެސް ގެންދަވަނީ ވިދާޅުވަމުންނެވެ. އެކަމަށް މިހާރުވެސް އޭނާ މަސައްކަތް ކުރައްވައެވެ.