ދިވެހިރާއްޖޭގެ ރޯވިންގެ މުސްތަގުބަލް ފެންނަނީ އުޖާލާކޮށްނޫން ކަމަށް ރޯވިން އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވެއްޖެއެވެ.

މިމަހު އައްޑޫގައި ބޭއްވި "އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" އަށްފަހު ހަލިނިއުސްއަށް މައުލޫމާތު ދެއްވަމުން ރޯވިންއެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ ރާއްޖެއަކީ ކޯސްޓަލް ރޯވިންއަށް އެންމެއެކަށީގެންވާ އެއް މަންޒިލް ކަމަށެވެ. އެހެންސް އެވަރުން ނުފުދޭކަމާއި ފުދޭނީ ރާއްޖޭގައި ތަފާތު އެކިފެންވަރުގެ މުބާރާތްތައް ބާއްވައި ރޯވިން އިތުރަށް ކުރިއެރުވުމަށް މަސައްކަތް ކުރެވިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

ރޯވިން އެސޯސިއޭޝަނަކީ ގައުމީ ހައިސިއްޔަތު ލިބިފައިނުވާ އެސޯސިއޭޝަނެކެވެ. އެކަމަކުވެސް އެތަނުން ގެންދަނީ ރާއްޖޭގައި މުބާރާތްތައް ބާއްވަމުން ބޭރުގެ ބައެއް މުބާރާތަކުގައި ބައިވެރިވަމުންނެވެ. "މިކަމުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭނެ. އެހިތްވަރާއި ކެރުންތެރިކަމާއި ގޮންޖެހުންތަކާ ކުރިމަތިލާން ވެސް އަޅުގަނޑުމެންނަށް އެނގޭނެ އިރާދަކުރެއްވިއްޔާ. އެހެންނަމަވެސް މިފަދަ އެސޯސިއޭޝަނަކަށް ގައުމީ ހައިސިއްޔަތު މިހާތަނަށް ލިބިފައިނެތަސް ސަރުކާރުގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވޭ،" ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މި ކުޅިވަރު މިވަގުތު އޮތީ އައްޑޫސިޓީގައި އެކަނި ކަމަށްވިޔަސް ރޯވިންއެސޯސިއޭޝަނުން ބޭނުންވަނީ ރާއްޖޭގެ އެކިކަންކޮޅުތަކަށް މިކުޅިވަރު ފަތުރަން ކަމަށެވެ. މިކުޅިވަރުގެ މުސްތަގުބަލް އުޖާލާނޫން ކަމަށް އޭނާ ވިދާޅުވީ ވެސް އައްޑޫގައި އެކަނި މިކުޅިވަރު ކުރިއަށްދާތީއެވެ.