ގެވެށި އަނިޔާ ހުއްޓުވުމާއި ގެވެށި ގުޅުމުގެ މުހިންމު ކަމާއި އަދި ކުދިން ބެލެހެއްޓުމުގައި ސަމާލުކަންކަން ދޭންވީކަންކަމާއި ބެހޭގޮތުން ހޭލުންތެރިކުރުމުގެ ބައްދަލުވުންތަކެއް ހއ.ފިއްލަދޫގައި ބާއްވައިފިއެވެ. ބައްދަލުވުންތައް ކުރިއަށް ގެންގޮސްފައިވަނީ ނޮވެމްބަރު 27 އިން 30 އަށެވެ.

މިބައްދަލުވުންތަކުގައި އެ ރަށުގައި ގެވެށިއަނިޔާގެ މައްސަލަތައް އޮތް މިންވަރާއި، ގެވެށި އަނިޔާ ހުއްޓުވުމާއި އެމައްސަލަތަކަށް ހޭލުންތެރިކުރުވުން ހިމެނެއެވެ. އޭގެ އިތުރުން ގެވެށި އަނިޔާއިން އަރައިގަންނަން މަސައްކަތްކުރާ ފަރާތްތަކަށް ލިބެން ހުރި ތަފާތު ޚިދުމަތްތަކާބެހޭ ގޮތުން ވެސް މަޢުލޫމާތު ދީފައިވެއެވެ. އަދި އެހީތެރިކަން ފޯރުކޮށްދިނުމުގައި، މުއައްސަސާތައް ގުޅިގެން އަދާކުރެވިދާނެ ދައުރާބެހޭގޮތުން މި ބައްދަލުވުން ތަކުގައި ވަނީ މަޝްވަރާ ކުރައްވައިފައި ކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވިއެވެ. ގެވެށި އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ލިބެންހުރި ޚިދުމަތްތަކާބެހޭގޮތުން ކަމާ ބެހޭ ފަރާތްތައް ހޭލުންތެރި ކުރުވުމުގެ ގޮތުން ވެސް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. މީގެ އިތުރުން، މިހާރު ތިލަވަމުން އަންނަ އިޖުތިމާޢީ ތަފާތު މައްސަލަތަކާ ބެހޭ ގޮތުން މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ. އޭގެތެރޭގައި ކުޑަކުދިންނަށް ކުރެވޭ ތަފާތު އަނިޔާތައް, ރިލިޖަސް އެކްސްޓްރީމިޒަމް, މުޖުތަމަޢުގައި ހުރި ސްޓީރިއޯޓިޕިކަލް ބިލީފްސް ހިމެނެއެވެ. ހަމަ އެއާއެކު މަޢުލޫމާތު ސެޝަންތަކަށް ފަހު ބައިވެރިންނަށް ލިބުނު މަޢުލޫމާތުގެ އަލީގައި ރަށު ފެންވަރުގައި ކުރެވޭނެ ކަންތައްތަކާ ގުޅޭ ގޮތުން މަޝްވަރާ ވެސް ކޮށްފައިވެއެވެ. މި ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ ބެލެނިވެރިންނާއި ފުރާވަރުގެ ކުދިންނަށް އަދި ކަމާބެހޭ ފަރާތްތަކަށެވެ.

މި ބައްދަލުވުންތައް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ގެވެށި އަނިޔާއަށް މުޖުތަމައު ހޭލުންތެރި ކުރުވައި ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމާއި ގެވެށި އަނިޔާގެ ޤާނޫނު ތަންފީޒުކުރުމުގައި ކުރިމަތިވާ ގޮންޖެހުންތަކާމެދު މަޝްވަރާކުރުމުގެ އިތުރުން ގެވެށި އަނިޔާ ހުއްޓުވުމަށާއި ގެވެށި އަނިޔާ ލިބެމުންދާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދިނުމުގައި ކަމާބެހޭ މުއައްސަސާތަކުގެ ޒިންމާއާމެދު ބައިވެރިން ހޭލުންތެރި ކުރުވައި ގެވެށި ގުޅުން ހަރުދަނާކޮށް ކުރިއެރުވުމަށް ކަމާބެހޭ މުއައްސަސާތަކުން ކުރެވިދާނެ ކަންތައްތަކާމެދު މަޝްވަރާކުރުން ކަމަށްވެސް ޖެންޑާރ އިން ވިދާޅުވެފައިވެއެވެ.

މިއީ ގެވެށި ގުޅުމުގެ މުހިއްމު ކަމާއި ގުޅޭގޮތުން މުޖުތަމަޢު ހޭލުންތެރިކުރުވައި، އިޖްތިމާޢީ ގޮތުންނާއި ނަފްސާނީ ގޮތުން ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް ބާރުއެޅުވުމުގެ މަޤްސަދުގައި 15 ޖުލައި 2020 ގައި މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ފަރާތުން ފަށާފައިވާ ގައުމީ ކެމްޕެއިން “ގެވެށި ގުޅުން” ގެ ޙަރަކާތްތައް އަތޮޅު ތެރޭގައި ހިންގުމަށްޓަކައި ރޭވިފައިވާ ގޮތުގެ މަތިން ފިއްލަދޫ އަދި އިހަވަންދޫގެ ކަމާބެހޭ ފަރާތްތަކަށާއި، ބެލެނިވެރިންނަށާއި، ފުރާވަރު އުމުރުގެ ކުދިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މައުލޫމާތު ދިނުމުގެ ބައްދަލުވުންތަކެކެވެ.