ރޯވިންއެސޯސިއޭޝަންގެ ބެލުމުގެ ދަށުގައިހުރި ފަލިޖަހާ ބޯޓުތައް ފެނުނީ ފަނިއަޅައިފައިހުރި ކަހަލަ ގޮތަކަށް ކަމަށް ސްޕޯޓްސް މިނިސްޓަރ އަޙުމަދު މަހުލޫފް ވިދާޅުވުމުން ރޯވިން އެސޯސިއޭޝަނުން އެމަނިކުފާނަށް ރައްދު ދެއްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރޯވިންގެ ހާލަތު ބެއްލެވުމަށް މީގެ ދެ އަހަރެއްހާ ދުވަސް ކުރީން އައްޑުއަށް ވަޑައިގެންނެވި ކަމަށެވެ.
"އަޅުގަނޑު ދިޔައިން ރޯވިން އެސޯސިއޭޝަންގެ މަސައްކަތް ހިނގާގޮތް ބަލާލަން މީގެ ދެ އަހަރެއް ވަރުކުރިން އައްޑުއަށް. ގޮސް ބަލާލިއިރު އޭރު ހާލަތު ފެނުނީ ވަރަށްދެރަކޮށް. އޭރު އަޅުގަނޑުމެންނަށް ފެނުނީ ބޯޓުތަކުގައި ފަނިއަޅާފައި ހުރި ކަހަލަ ގޮތަކަށް. އަދި ދިޔަ ގަޑީގައި އެތަނުގައި ކޮންމެވެސް ވަރެއްގެ ޚިޔާލު ތަފާތުވުމެއް ވެސް އަޅުގަނޑަށް ފެނުނު، މިހާރު ހިންގަންތިއްބެވި ބޭފުޅުންނާއި އަދި އިތުރަށް އަންހެން ބޭފުޅަކު ވަޑައިގެން މައްސަލަތަކެއް ހުރިކަން ފާހަގަވެގެންދިޔަ،" މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރުގެ މިވާހަކަތަކަށް ރައްދު ދެއްވައި ރޯވިން އެސޯސިއޭޝަންގެ ރައީސް އަޙުމަދު ހަބީބު ވިދާޅުވީ ފާއިތުވި މުއްދަތަށް ބަލާއިރު މިހާރުހުރި ރޯވިން ބޯޓުތައް މިފެންވަރުގައި ހުރިކަމީ ޝުކުރުވެރިވާންޖެހޭ ކަމެއް ކަމަށެވެ. އެއީ އެ ބޯޓުފަހަރު ވައްދާނޭ ހިޔަލެއް ނެތުމުން އަބަދުވެސް ބަހައްޓަންޖެހެނީ ދޭހާ އަތްވާއި ވެހޭހާ ވާރޭގައި ކަމަށް އޭނާ ވިދާޅުވިއެވެ. ބޯޓުގައި ފަނިއަޅާފައި ހުރިވާހަކަ ވެސް ހަބީބު ދޮގު ކުރެއްވިއެވެ. އެކަން ވަރަށްރަނގަޅަށް މިނިސްޓަރަށް ވެސް އެނގިވަޑައިގަންނަވާނޭ ކަމަށް ހަބީބު ވިދާޅުވިއެވެ. ދެ ބަސްވުމުގެ ވާހަކަ މިނިސްޓަރ ފާހަގަ ކުރެއްވުމުން ހަބީބު ވިދާޅުވީ އެއްވެސް ޒަމާނެއްގައި ކުޅިވަރަކީ "ވަކަރުގޭ ކުދީންގެ އެއްޗެއް ނޫން. އެއީ ތަރުބަވީ ހަރަކާތެއް. އެފަދަ ހަރަކާތެއް މަސްތުން ސަލާމަތް ވެފައި އޮންނަންޖެހޭ،" ކަމަށެވެ. މުސްތަގުބަލުގައި ވެސް މި ކުޅިވަރު މަސްތުން ސަލާމަތް ކުރަން ކުރަންޖެހުނު ކޮންމެ ކަމެއް ރޯވިން އެސޯސިއޭޝަންގެ ބޯޑުން ކުރާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ މަހުލޫން ވިދާޅުވީ ހާލަތު ކޮންމެ ގޮތަކަށް އޮތަސް ކޯޗެއް ބަހައްޓައިގެން ރަނގަޅަށް މަސައްކަތް ކުރިއަށް ގެންދިއުމަށް އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބަށް އޭރު ދެންނެވި ކަމަށެވެ. "އެއާއެކީގައި ވެސް ހަބީބަށް އަޅުގަނޑު ދެންނެވީން ކޯޗެއް ބަހައްޓައިގެން ޓްރޭނިން ފަށައި މިކަންކަންކުރަން. އެއާއެކު ކޮވިޑް އައިސް މިހުރިހާ ކަމެއް ހުއްޓިގެންދިޔައީ،" މިނިސްޓަރ ވިދާޅުވިއެވެ.
މަހުލޫފް ވިދާޅުވީ ރޯވިންއެސޯސިއޭޝަންގެ މަސައްކަތް މިފަހުން ވެސް އެމަނިކުފާނަށް ފެނިވަޑައިގަންނަވާ ކަމަށެވެ. ވަރަށް ރަނގަޅު މުބާރާތެއްވެސް އެ އެސޯސިއޭޝަނުން އައްޑޫގައި ބާއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މިނިސްޓަރު މިހެން ވިދާޅުވުމުން ހަބީބު ވަނީ އެކަމަށް އުފާކުރައްވާ ކަމަށް ވިދާޅުވެ މިނިސްޓަރަށް ޝުކުރު އަދާކުރައްވައިފައެވެ. އެއާއެކު އޭނާ ވިދާޅުވީ ރޯވިންއެސޯސިއޭޝަން ހިންގަނީ ބައެއްގެ ވަރަށްބޮޑު މިންނެތް މަސައްކަތުން ކަމަށެވެ.
މިފަދަ މުބާރާތެއް ބާއްވާ ކަމަށްވާނަމަ މީހުން ގާތަށް ހިނގައިގެން ސްޕޮންސަރ ހޯދަންޖެހޭ ކަމަށް ވެސް ހަބީބު ވިދާޅުވިއެވެ. މިކަންކަމަށް އޮތް ހައްލަކީ ރޯވިން އެސޯސިއޭޝަނަށް ގައުމީ ހައިސިއްޔަތުން ދިނުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. "އޭރުން ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުގެ ދަށުން އަހަރެއްގެ މައްޗަށް ފަސްލައްކަ ރުފިޔާ ލިބޭނެ އެސޯސިއޭޝަނަށް،" ހަބީބު ވިދާޅުވިއެވެ.
މިކަމާ ގުޅިގެން މިނިސްޓަރ މަހުލޫފް ވިދާޅުވީ ކުޅިވަރު އެސޯސިއޭޝަންތަކަށް ނެޝަނަލް ސްޓޭޓަސް ދިނުމަކީ ވަރަށްދަތި އުނދަގޫކަމެއް ކަމަށެވެ. "އަޅުގަނޑުމެން ރާއްޖޭގެ ފުދުންތެރިކަން ނެތީސް ކިހިނެއްތޯ ހުސް ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކެއް ގާއިމްކުރާނީ. ކޮށްފިއްޔާ އަޅުގަނޑުމެން ނެޝަނަލް ޓީމުތަކަށް މުސާރަ ދޭން އެބަޖެހޭ. ކުޅިވަރު ހިންގުމަށް ކޮންމެ އަހަރަކު މަދުވެގެން ފަސްލައްކަ ރުފިޔާ ދޭންއެބަޖެހޭ،" މިނިސްޓަރ ވިދާޅުވިއެވެ.
ރޯވިން އެސޯސިއޭޝަނަކީ މޫދު ކުޅިވަރާ ގުޅޭ ތަނަކަށް ވީމައި ވަކިނަންތަކެއް ކިޔުމަށްވުރެން އަމްބުރެއްލާ ބޮޑީއެއްގެ ގޮތުންގައި ނެޝަނަލް އެސޯސީއޭޝަން ހަދާފައި އޭގެ ދަށުގައި އެފަދަ ކުޅިވަރުތައް ބޭއްވުން މާރަނގަޅު ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ. "އޭރުން ރޯވިން ވެސް އޮންނާނެ. ވިންޑްސާފް ވެސް އޮންނާނެ، އަދި މޫދުކުޅިވަރާ ގުޅުންހުރި އެހެން ކުޅިވަރުތައް ވެސް އޮންނާނެ،" މިނިސްޓަރ ވިދާޅުވިއެވެ. އެހެން ކަމުން ކޮންމެ ކުޅިވަރަކަށް ނޭޝަނަލް އެސޯސިއޭޝަނެއް ހެދުމަކީ ދަތިކަމެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ރޯވިންއަކީ މާލޭއިން ބޭރުގައި ފުރަތަމަ އެސްޓަބްލިޝްޑް ވެގެން އަންނަ ކުޅިވަރަކަށްވީމާ އިތުރު ވިސްނުންތަކެއް ވިސްނަވާނެ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ވިދަޅުވީ އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިހާރުވެސް ރޯވިންގެ މަސައްކަތް ކުރައްވަމުން ގެންދަވާ ގޮތަށް ވީހާވެސް ރަނގަޅަށް ކުރަމުން ގެންދިޔުމަށް ކަމަށެވެ. "އޭރުން އަޅުގަނޑުމެންނަށް ވެސް ވީހާވެސް ބޮޑަށް ދެވެންއޮތް ފުރުސަތެއް ދެމުން ގެންދާނަން،" މަހުލޫފް ވިދާޅުވިއެވެ.