ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ޒުވާނުން ތަމްރީނުކުރުމަށް މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އާއެކު މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިޔު.އެސް.ސީ) އިން އެމް.އޯ.ޔޫ އެއްގައި ސޮއިކޮށްފިއެވެ.

އެމް.އޯ.ޔޫ ގައި އެމް.ޑަބްލިޔު.އެސް.ސީގެ ފަރާތުން ސޮއި ކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ހަސަން ޝާހު އެވެ. އަދި ޔޫތު މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރ ހުސެއިން އިސްމާއީލްއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން އެ ދާއިރާތަކުގެ ތަޖުރިބާކާރުންގެ ބެލުމުގެ ދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލައިގެން މިނިސްޓްރީ އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްއިން ހިންގާ ހާއްސަ ޕްރޮގްރާމެކެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެމް.ޑަބްލިޔު.ގެ ހިންގާ ފުރަތަމަ ދެ ބެޗްގައި 17 ދާއިރާއަކުން 73 ޒުވާނަކަށް ފުރުސަތު ހުޅުވާލާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މީގެ އިތުރުން މިވަގުތު މަސައްކަތްކުރާ 15 މުވައްޒަފުން ވެސް މި ޕްރޮގްރާމުގައި ބައިވެރިވާނެ ކަމަށް އެ ކުންފުނިން ބުނެފައިވެއެވެ.

ޕްރޮގްރާމްގައި ކޮންމެ ބެޗެއްގެ ބައިވެރިން ހަ މަސްދުވަހުގެ މުއްދަތަށް އެމް.ޑަބްލިޔު.އެސް.ސީ ގައި މަސައްކަތްކޮށް، ބައިވެރިވާ ދާއިރާގެ ހުނަރުތައް އަމަލީ ގޮތުން ދަސްކޮށް، ތަމްރީންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ. މިޕްރޮގްރާމް ފެށުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރ 2021 ގައެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމް ފުރިހަމަ ކުރާ ފަރާތްތަކަށް ރާއްޖޭގެ ގައުމީ ސަނަދުގެ އޮށިގަނޑުގައި ހިމެނޭ ލެވެލް 3 ގެ ސެޓްފިކެޓެއް ލިބޭނެއެވެ. އަދި މީގެ ދަށުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގާނީ މޯލްޑިވްސް ނެޝަނަލް ސްކިލްސް ވެލޮޕްމެންޓް އޮތޯރިޓީގެ "ނެޝަނަލް ކޮމްޕިޓެންސީ ސްޓެންޑަރޑްސް" އާ އެއްގޮތަށެވެ.