މިދިޔަ ނޮވެމްބަރު 11 އިން 14 އަށް އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި "އެމްޑަބްލިޔުއެސްސީ އިންޓަރ ސްކޫލް ކޯސްޓަލް ރޯވިން ބީޗް ސްޕްރިންޓް 2021" މުބާރާތުން ދިވެހި އެތުލީޓުންނާއި ކޯޗުންނަށް އިތުރު ކުރިއެރުން ލިބިފައިވާ ކަމަށް ރޯވިންއެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ.

އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ ބޭރުގެ ޓެކްނިކަލް އޮފިޝަލުންނާއި އެތުލީޓުން ބައިވެރިކޮށްގެން މިފަދަ މުބާރާތެއް ބޭއްވުމަކީ ލިބުނު ކުރިއެރުމެއް ކަމަށެވެ. "އަޅުގަނޑުމެންގެ އެތުލީޓުންނާއި ކޯޗުންނަށް އިތުރު ކަންތައްތަކެއް މިމުބާރާތުގެ ސަބަބުން ދަސްވެއްޖެ. އިތުރު ހިތްވަރު ލިބިއްޖެ. ކުރިއަށް ދިއުމުގެ ޝައުގު ބޮޑުވެއްޖެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދެކެނީ،" ހަބީބު ވިދާޅުވިއެވެ.

މިފަދަ ކުރިއެރުންތަކެއް ލިބުނަސް މުޅި ރާއްޖޭގެ ރޯވިންގެ މުސްތަގުބަލް އުޖާލާކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ހަބީބު ވިދާޅުވިއެވެ. އޭނާ އެހެން ވިދާޅުވީ މިކުޅިވަރު ހަމައެކަނި އައްޑުއަށް ޖަމާވެފައިވާތީއެވެ. އައްޑޫސިޓީގެ އިތުރުން އެހެން ހިސާބުތަކަށް މިކުޅިވަރު ފުޅާ ކުރުމަށް ސަރުކާރުގެ އެހީތެރިކަން އިންތިހާއަށް ބޭނުންވާ ކަމަށް އޭނާ ވިދާޅުވިއެވެ. "ސްޕޯޓްސް މިނިސްޓްރީފަދަ ކުޅިވަރާ ގުޅުންހުރި މުއައްސަސާތަކުން ގޮންޖެހުންތައް ކުރިމަތި ކުރުވުމުގެ ބަދަލުގައި ބައްލަވަންވީ ފަސޭހަކޮށްދެއްވައި އެހީތެރިކަން ފޯރުވައި ދެއްވަން،" އޭނާ ވިދާޅުވިއެވެ.

އައްޑޫގައި ބޭއްވި މި މުބާރާތުގައި ރާއްޖެއިން ބޭރުގެ 23 އެތުލީޓަކާއި ރާއްޖޭގެ ފަސް ސްކޫލަކުން 130 އެތުލީޓުން ވާދަކޮށްފައިވެއެވެ. މުބާރާތުގައި ޕާކިސްތާނާއި، ތައިލެންޑުގެ އެތުލީޓުން ވަނީ ބައިވެރިވެފައެވެ. މިއީ މުބާރާތަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވިއެވެ. މިފަދަ އިތުރު މުބާރާތްތައް ރާއްޖޭގައި ބޭއްވުމުގެ މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.