އދ. ދަނގެތީގައި މަރާލުމަށްފަހު ފަޅުގެއެއްގެ ވަޅަކަށް ވައްޓާލާފައި އޮތް މަހުމޫދު އަބޫބަކުރު (55އ) މަރާލިކަމަށް އެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ސާލިމު އެއްބަސްވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

މަހުމޫދު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައ ވަނީ އެރަށުގައި އުމުރުން ދުވަސްވީ މީހަކު ބަލަން އުޅޭ ބަންގްލަދޭޝްގެ ޝާ އަލޮމް މިއާ (ސާލިމް) އެވެ.

މަހުމޫދު މަރުގެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ބާއްވަމުން ކުރިޔަށް ގެންދާ ނޫސްވެރީންގެ ބައްދަލުވުމެއްގައި ފުލުހުން ބުނީ، މަހުމޫދު މަރާލުމަށް ފަހު އޭނާގެ ހަށިގަނޑު ކޮނޑަށް ލައިގެން ސާލިމު ދަނިކޮށް ސީސީޓީވީ ފުޓޭޖުން ފެނިފައިވާ ކަމަށެވެ.

ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މޭޖާ ކްރައިމްސް އިންވެސްޓިގޭޝަންގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަސަން ޝިފާއު ވިދާޅުވީ ފުލުހުންގެ ތަހުގީގުއާއި ބަންދު މަޖިލީހަށް ކޯޓަށް ގެންދިއުމުން ވެސް މަހުމޫދު މަރާލި ކަމަށް ސާލިމް އެއްބަސްވެފައިވާ ކަމަށެވެ. ކުށަށް ސާލިމް އެއްބަސްވެފައި ވަނީ އޭނާ ދިރިއުޅެމުން ދިޔަ ނެދުންގެ ތެރޭގައި ވަޅުލާފައި ހުރި މަހުމޫދުގެ އެކި އެއްޗެތި ފުލުހުންނަށް ފެނުނު ހިސާބުން ކަމަށް ވެސް ޝިފާއު ވިދާޅުވި އެވެ. ހާދިސާ އާއި ގުޅޭ ތަފްސީލް ދެއްވަމުން ޝިފާއު ވިދާޅުވީ މަހުމޫދަށް ހަމަލާ ދޭން ބޭނުންކޮށްފައިވަނީ ތޫނު އެއްޗެއް ކަމަށެވެ. މަހުމޫދުގެ ބޮލުގެ ތިން ތަނަކަށް ހަމަލާ ދީފައިވާއިރު ހަށިގަނޑުގެ 30 އަށް ވުރެ ގިނަ ތަނަށް އެކިވަރުގެ އަނިޔާ ދީފައިވާ ކަމަށެވެ.