ބޭނުންވާ ތަކެތި

1 ޖޯޑު ބާސްމަތީ ހަނޑޫ

½1 ޖޯޑު ފެން

3 މޭޒުމަތީ ސަމުސާ ގިތެޔޮ (ގީ)

8 ކަޖޫނަޓް

ކުޑަ ހިކި މޭބިސްކަދުރުކޮޅެއް ( 8، 10 )

1 ބޭލީފް

1 އިންޗި ފޮނިތޮށި

2 ކާފޫރުތޮޅި

4 ކަރަންފޫ

1 މޭޒުމަތީސަމުސާ އިނގުރު ލޮނުމެދު ޕޭސްޓް

1 ފިޔާ

2 ގްރީން ޗިލީ

ކުޑަ ކޮރިއަންޑާލީފް ކޮޅެއް

ރަހަލާވަރަށް ލޮނު

ތައްޔާރުކުރާނެ ގޮތް

އެންމެ ފުރަތަމަ، ހަނޑޫ ދޮވުމަށްފަހު ހިއްކަން ބަހައްޓާށެވެ. ދެން ކުޑަ ތާހެއް އުނދުންމައްޗަށް އުދުމަށްފަހު ތެޔޮ އަޅާށެވެ. ތެޔޮ ފޮދަށް ހޫނުވުމުން ކަޖޫނަޓްކޮޅު އަޅާށެވެ. އެއަށްފަހު މުށިކުލަ އަރަންދެން ތެއްލާލާށެވެ. ދެން ކަޖޫނަޓްކޮޅު ނެގުމަށްފަހު މޭބިސްކަދުރުކޮޅުވެސް ތެއްލާލުމަށްފަހު ތައްޓަކަށް ނަގާށެވެ. އެއަށްފަހު ބަތްކާކާ ތެއްޔަށް ގިތެޔޮ އަޅައި ހޫނުކޮށްލާށެވެ. ދެން ބޭލީފް، ފޮނިތޮށި، ކާފޫރުތޮޅި އަދި ކަރަންފޫ އަޅައިގެން 2 މިނެޓު ހަނާކޮށްލާށެވެ. އެއަށްފަހުހު އިނގުރު ލޮނުމެދު ޕޭސްޓް އަޅާށެވެ. ދެން 30 ސުކުތު ވަންދެން ހަނާކޮށްލާށެވެ. އެއަށްފަހު ފިޔާ ކޮށައި، ގްރީންޗިލީ ފަޅާފައި ތެއްޔަށް އަޅާށެވެ. ދެން ހުރިހާއެއްޗަކާއެއްކޮށް ފިޔާކޮޅު ވަޅޯ ކޮށްލާށެވެ. ދެން ހިއްކި ހަނޑޫކޮޅުވެސް އަޅައި ހަނާކޮށްލާށެވެ. ދެން ފެނާއި ލޮނު އަޅައިގެން ކައްކާ ބަތްކޮޅު ހިންދާލާށެވެ. ބަތްކޮޅު ހިނދުމުން މައްޗަށް ތެއްލި ކަޖޫނަޓާއި މޭބިސްކަދުރު އަދި ކޮރިއަންޑާލީފް އަޅާށެވެ.