ހދ. ހިރިމަރަދޫ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

މިއަދު ހިރިމަރަދޫގައި ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއުގެ މަސައްކަތް ފައްޓަވައިދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހުއާއި ރައްޔިތުންގެ މަޖިލީހުގެ ހަނިމާދޫ ދައިރާގެ މެންބަރު އަބްދުލްގަފޫރު މޫސާއާއި ހދ. އަތޮޅު ކައުންސިލުގެ ރައީސް މުހައްމަދު ސިރާޖާއި އެރަށު ކައުންސިލުގެ ރައީސް މުހައްމަދު ވަހީދުއެވެ.

މި މަޝްރޫއުގެ މަސައްކަތަށް ބޭނުންވާ ސާމާނު މިހާރު އެރަށަށް ގެންގޮސްފައިވާއިރު، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ފެން ޕްލާންޓް ބަހައްޓަން އިމާރާތްކުރާ ފެސިލިޓީ ބިލްޑިންގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

އެ ރަށުގެ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ދަށުން 8.06 ކިލޯ މީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކެއް ގާއިމުކޮށް، އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތް ކުރުމާއި ފެން އުފެއްދުމަށްޓަކައި ދެ އާރުއޯ ޕްލާންޓް ބެހެއްޓުމާއި ފެން ރައްކާކުރުމަށް ތިން ތާންގި ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ގޭގޭގައި ފެން މީޓަރު ބަހައްޓައި އެ ގެތަކަށް ފެނުގެ ކަނެކްޝަން ގުޅައިދޭނެއެވެ.

މި މަޝްރުއުގެ ދަށުން ނަރުދަމާގެ ނިޒާމު ގާއިމު ކުރުމަށް އެރަށުގައި 5.02 ކިލޯމީޓަރުގެ ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކޮށް، 1.12 ކިލޯ މީޓަރުގެ ޕަންޕިން ލައިނެއް އަޅައި، ތިން ޕަންޕިން ސްޓޭޝަނާއި 1 ސީ އައުޓްފްލޯ ގާއިމު ކުރާނެއެވެ. އަދި ގޭގެގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދޭނެއެވެ.

މީގެ އިތުރުން، އެރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ހިންގާ ބަލަހައްޓަން ބޭނުުންވާ ޖަނަރޭޓަރު ސެޓާއި ވެހިކަލް އަދި ފެން ތަހުލީލުކުރަން ބޭނުންވާ ސާމާނުވެސް އެމްޑަބްލިއުއެސްސީން ފޯރުކޮށްދޭނެއެވެ.

މިއީ 69.14 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.