ސަރުކާރު ވައްޓާލަން ފުލުހުން ނުނިކުންނާނެ ކަން ޔަޤީން ވާނީ ރައީސް ނަޝީދުގެ ވެރިކަން ބަޣާވާތަކުން ވައްޓާލި މައްސަލައިގައި ފުލުހުންގެ މުއައްސަސާއިން ރަސްމީކޮށް މާފަށް އެދުމުން ކަމަށް މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވެއްޖެއެވެ.

އިމްތިޔާޒް މިހެން ވިދާޅުވީ، ގާނޫނީ ސަރުކާރެއް ހިނގަމުން ދަނިކޮށް ސަރުކާރު ވައްޓާލަން ފުލުހުންގެ ތެރެއިން ބަޔަކު ދެން ނުނިކުންނާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވުމުން އެކަމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ.

އިންތި ކުރެއްވި ޓްވީޓުގައި ވިދާޅުވީ، ސަރުކާރު ވައްޓާލަން ނުނިކުންނާނެ ކަމުގެ ޔަގީންކަން އޮތް ކަމަށް ވާނަމަ ކިތަންމެހާވެސް ހެޔޮ ކަމަށާއި، ނަމަވެސް އެ ޔަގީންކަން ރައްޔިތުންނަށް އެރުވުމަށް ބޭނުންވާ އެންމެ ކުޑަ މިންވަރަކީ "ޓުރޫތު އެންޑް ރީކޮންސިލިއޭޝަން" ގެ އުސޫލުން އެ މުއައްސަސާއިން ރައްޔިތުންގެ ކިބައިން ރަސްމީކޮށް މާފަށް އެދުން ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.

ރާއްޖެ ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅުދައްކަވަމުން ސީޕީ ހަމީދު ވިދާޅުވީ ހަތެއް ފެބްރުއަރީގައި ހިނގާދިޔަ ކަންތައްތަކަކީ މާޒީ ކަމަށާއި، ފުލުހުންގެ މުއައްސަސާގައި މިހާރު ތިއްބެވި ފަރާތްތަކާއި، ކުރިއަށް އޮތް ތަނުގައި ފުލުހުންގެ މުއައްސަސާއަށް ގުޅެން ތިއްބެވި ފަރާތްތަކުން ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމުގެ ޔަޤީންކަން ދެއްވާ ކަމަށް ސީޕީ ވަނީ ވިދާޅުވެފައެވެ.