ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް މިދިޔަ ތިން އަހަރުތެރޭ 28 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކޮންމެ ދެ އަހަރަކުން އެއް އަހަރު ދެމުން އަންނަ ރިވެލި އެވޯޑް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.ރައީސް ވިދާޅުވީ ދައުލަތުގެ ފަރާތުން ހިދުމަތް ދިނުމުގައިވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށާއި ކުދިންނަށް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދީގެން އަދި ހަމަޖައްސައިދިނުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން ކަމަށާ އެފަދަ އެއްކަމަކީ 2019 ވަނަ އަހަރު ފެށި ތެރަޕިއުޓިކް ފަރުވާއަށް ހަރަދު ހަމަޖައްސައިދިނުމުގެ ޕްރޮގްރާމް ކަމަށެވެ. އެ ޕްރޮގްރާމްގެ ދަށުން ތެރަޕިއުޓިކް ފަރުވާއަށް ސަލާންޖެހުން މިހާރު ހުއްޓުމަކަށް ގެނެވިފައިވާ ކަމަށް ވިދާޅުވިއެވެ."މި ދެންނެވި ފަރުވާއަށް 2019 ވަނަ އަހަރު 3.1 މިލިއަން ރުފިޔާ، އަދި 2020 ވަނަ އަހަރު 7.2 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ހަރަދު ކުރެވުނު. އަދި މި އަހަރުގެ އޮކްޓޫބަރު މަހުގެ ނިޔަލަށް 18.2 މިލިއަން ރުފިޔާ މިހާތަނަށް ހަރަދު ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.ރައީސްގެ ވާހަކަފުޅުގައި ކޯވިޑުގެ ދަތިކަމުގެ ތެރޭގައި ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް ވަރަށް ގިނަ ފިޔަވަޅުތަކެއް އަޅަން މަޖުބޫރުވި ނަމަވެސް ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މާލީ އެހީ ދިނުމުގެ ޕްރޮގްރާމަށް ސަރުކާރުން އެއްވެސް ބަދަލެއް ނުގެނެސް މަހުން މަހަށް އެހީތެރިކަން ފޯރުކޮށްދެވުނު ކަމަށް ވިދާޅުވިއެވެ.