ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތު ނުކުރާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ ފެރިދޫ ކައުންސިލާއެކު މިއަދު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގަ އެވެ.
އެ ބައްދަލުކުރެއްވުމުގައި ރައީސް ވިދާޅުވީ ސަރުކާރުން ތަރައްޤީގެ ކަންކަން ހިންގުމުގައި ވަކި ރަށެއް ތަފާތުކުރުމެއްނެތި ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށްގެންދަވާ ކަމަށެވެ.
މި ބައްދަލުކުރެއްވުމުގައި ފެރިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޕްރޮޖެކްޓްތަކާއި ގުޅޭގޮތުން ރައީސާއި މަޝްވަރާކުރައްވާފައެވެ.
އެގޮތުން ކައުންސިލަރުން ވަނީ އެރަށުގެ ބަނދަރު ހެދުމާއި ގިރާ ސަރަޙައްދު ހިމާޔަތްކުރުމާއި ޞިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރަން ބޭނުންވާކަމަށާއި އައު މިސްކިތެއްގެ އިތުރުން ޒުވާނުންނަށް ޚާއްޞަކޮށް އެކި ކުޅިވަރުތައް ކުޅެވޭނެފަދަ މަރުކަޒެއް ބިނާކުރުމާއި އަދި އެރަށުގައި ހުންނަ އއ. އަތޮޅު ސްކޫލަށް މަލްޓިޕާޕަސް ހޯލެއް އިތުރުކުރުމާއި އެޓީއެމްގެ ޚިދުމަތް ބޭނުންވާކަން ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް ރަށުގެ އިޖުތިމާޢީ އިޤްތިޞާދީ ތަރައްޤީއަށް މުހިންމު ކަންކަމާއި ގުޅޭގޮތުން ކައުންސިލަރުން ރައީސުލްޖުމްހޫރިއްޔާއާ މަޝްވަރާކުރެއްވިއެވެ.
ރައީސް ވަނީ ފެރިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަނދަރު ހެދުމުގެ މަޝްރޫޢު އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި ބަނދަރުގެ މަސައްކަތާއިއެކު ގިރާ ސަރަޙައްދު ހިމާޔަތްކުރުމުގެ މަސައްކަތް ކުރިޔަށްގެންދެވިދާނެތޯ ބައްލަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.