"ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް 2021" ދަށުން ޒުވާނުން ތަމްރީން ކުރުމަށް ޔޫތް މިނިސްޓްރީއާއި އެމްޓީސީސީއާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިކަމަށްޓަކައި އެމްޓިސީސީގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީެގ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އާދަމް އާޒިމްއެވެ. އަދި ޔޫތް މިނިސްޓްރީގެ ފަރާތުްނ ސޮއި ކުރެއްވީ ސްޓޭޓް މިނިސްޓަރު ހުސައިން އިސްމާއީލެވެ.

ހުނަވަރު ޕްރޮގްރާމަކީ މަސައްކަތުގެ މާހައުލުގައި ފަންނީ ތަމްރީން ލިބިފައިވާ ދިވެހިން ބިނާކުރުމަށް އެމްޓީސީސީއިން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. ހުނަރު ޕްރޮގްރާމްގެ މަޤްސަދަކީ ތަމްރީނާއި، ތަޖުރިމާ ލިބިފައިވާ މަސައްކަތްތެރި މުވައްޒަފުން އެމްޓިސީސީގެ އެކި ވަޒީފާތަކަށް ހޯދުންކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.

ހުނަވަރު ޕްރިގްރާމް ދެ ބަޔަކަށް ބެހިގެންވާކަމަށް އެމްޓީސީސީން މައުލޫމާތުދެއެވެ. އެއީ މިއަހަރު ޖެނުއަރީ މަހުން ފެށިގެން ކުރިއަށްދާ ހުނަވަރު ލައިސެންސިންގ ޕްރޮގްރާމާއި ހުނަވަރު ޓެކްނިކަލް ސްކިލްސް ޕްރޮގްރާމެވެ. މިގޮތުން މިހާރު ފެށޭ ޓެކްނިކަލް ސްކިލްސް ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ މިއަހަރުން ފެށިގެން 3 އަހަރުގެ މުއްދަތަކަށް ކަމަށާއި، އަމާޒަކީ ތިން އަހަރުގެ ތެރޭގައި 100 މީހުން ތަމްރީން ކުރުންކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.

މި ޕްރޮގްރާމްގެ ދަށުން، ވެލްޑިންގް، ޕްލަމްބަރިންގ، އިލެކްޓްރިކް މަސައްކަތް، އޮޓޮމޯޓިވް މެކޭނިކް މަސައްކަތް، ވަޑާންކުރުން އަދި ކޮންސްޓްރަކްޝަން ސައިޓް ސުޕަވައިޒް ކުރުން ފަދަ ދާއިރާތަކަށް މީހުން ތަމްރީން ކުރެވިގެންދާނެއެވެ. މި ޕްރޮގްރާމްގެ ދަށުން ކޮންމެ ބައިވެރިޔަކު ވެސް 6 މަސް ދުވަހުގެ މުއްދަތަށް ތަމްރީން ކުރެވިގެންދާނެ ކަމަށާއި މި ޕްރޮގްރާމްގެ ބައިވެރިންނަށް 3000 ރުފިޔާގެ އެލަވަންސެއް ކޮންމެ މަހަކު ލިބޭނެ ކަމަށް އެމްޓީސީީން މައުލޫމާތުދެއެވެ. މީގެ އިތުރުން ވޯރކް ސައިޓްގެ ރަށް ނޫން އެހެން ރަށެއްގައި ދިރިއުޅޭނަމަ ހުރުމާއި ކެއުން ހަމަޖައްސަދެވޭނެ ކަމަށާއި އަދި އެއްގަމާއި ވައިގެ ދަތުރުފަތުރުގެ ހަރަދު ވެސް ދެވޭނެ ކަމަށް އެމްޓީސީސީން މައުލުމާތުދެއެވެ.