ކުރީގެ ހޯމް މިނިސްޓަރު ޢުމަރު ނަޞީރުގެ މައްޗަށް ދަޢުވާކުރުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އުމަރުގެ މައްޗަށް ދައުވާކުރަން ފޮނުވީ 2015 ވަނަ އަހަރު ތެރޭގައި، ހޯމް މިނިސްޓްރީން ކުށްވެރިންގެ ފައިގައި ޓެގު އެޅުވުމުގެ މަސައްކަތް ޙަވާލުކުރީ އުމަރާއި ވިޔަފާރީގެ ގޮތުން ގާތްގުޅުން އޮންނަ ފަރާތެއްގެ ކުންފުންޏަކަށް ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރުމަށްފަހު އެވެ.
އޭސީސީން މިއަދު ހާމަކުރި ގޮތުގައި އުމަރުގެ މައްޗަށް އުފުލުމަށް އެދިފައިވަނީ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާ ކަމަށެވެ.
އެ މައްސަލައިގައި އޭސީސީން ބުނީ އިލެކްޓްރޯނިކް ޓެގް ބޭނުންކޮށްގެން ކުށްވެރިން ބެލެހެއްޓުމުގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމަށް ހޯމް މިނިސްޓްރީން ކޮށްފައިވާ އިޢުލާނާ ގުޅޭ ކަންކަން އެ މިނިސްޓްރީން ކުރިއަށް ގެންގޮސްފައިވަނީ އާންމުކޮށް ޢަމަލުކުރަމުންދާ އުޞޫލުގެ ބޭރުން، އުމަރުގެ ބެލުމުގެ ދަށުން އޭނާގެ އިރުޝާދުގެ ދަށުން ކަމަށެވެ.
އެ އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތަކުގެ ތެރެއިން ޓެގް އަޅުވައި ބަލަހައްޓާނެ ގޮތުގެ ޓްރައަލް ދައްކާފައިވާ ސްޓެލްވާޓް މޯލްޑިވްސް ޕވޓ ލޓޑ ގެ ޙިއްސާދާރުންގެ ތެރޭގައި ހިމެނޭ ހަތަރު ފަރާތަކީ ވެސް ޢުމަރާއި ގާތްގުޅުން އޮންނަ ފަރާތްތަކެއް ކަމަށް އޭސީސީން ބުނެ އެވެ.
އޭގެތެރެއިން ދެ ޙިއްސާދާރުންނަކީ ޢުމަރުގެ ވިޔަފާރި ޕާޓްނަރުން ކަމަށްވާތީ ދައުލަތުގެ މާލިއްޔަތު ގަވާއިދު (2009) ގެ ބާބު 15 ގެ 3 ވަނަ މާއްދާގެ (ނ) ގެ 8 ގައި ބަޔާންކޮށްފައިވާގޮތަށް އެފަރާތްތަކަކީ ޢުމަރުގެ ކްލޯޒް އެސޯސިއޭޓުން ކަމަށާއި އެހެންކަމުން، ސްޓެލްވާޓަކީ ޢުމަރާއި މަސްލަހަތު ފުށުއަރާ ފަރާތްތަކެއްގެ ކުންފުންޏެއް ކަމަށް އޭސީސީން ބުނެ އެވެ. އެހެންނަމަވެސް، ސްޓެލްވާޓުން ދެއްކި ޓެގް ޓްރައަލް އިވެލުއޭޓް ކުރުމަށް ޢުމަރު އަމިއްލައަށް ޓެކްނިކަލް ކޮމެޓީއެއް ކަނޑައަޅައި އެ ކޮމެޓީގެ ޗެއަރގެ ގޮތުގައި އުމަރު ބައިވެރިވެވަޑައިގެންނެވި ކަމަށްވެސް އޭސީސީން ބުނެ އެވެ.
ސްޓެލްވާޓުން ޓްރައަލް ޕީރިއަޑްގައި ބޭނުންކޮށްފައިވާ ޓެގާއި އެއާގުޅޭ އިލެކްޓްރޯނިކް ސާމާނަކީ މި ޚިދުމަތުގައި ބޭނުންކުރުމަށް އެކަށީގެންވާ ތަކެތިކަމަށް ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފައި ވީނަމަވެސް، މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމަށް އެ ކޮމެޓީން ނިންމާފައި ނުވާ ކަމަށް އޭސީސީން ހާމަކުރެ އެވެ. އަދި އެ ތަކެތި ގަތުމާއި ޚިދުމަތް ހޯދުމަށް، މަސައްކަތާ ޙަވާލުވާނެ ފަރާތެއް ކަނޑައަޅަންވާނީ އަންދާސީ ހިސާބު ބަލާ ކޮމިޓީން ބަލާއިރު އެންމެ ގިނަ ޕޮއިންޓް ލިބުނު ފަރާތަށް ކަމަށް އޭރު ޢަމަލުކުރަމުންދިޔަ ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009ގެ 8.20 ގައި ބަޔާންކޮށްފައިވާއިރު، މި މަސައްކަތް މިނިސްޓްރީ އޮފް ހޯމްއެފެއާޒުގައި އޭރު އެކުލަވާލާފައި އޮތް ބިޑު ކޮމެޓީއަށް ހުށަހަޅާފައިނުވާކަން ވެސް އޭސީސީން ފާހަގަކުރެ އެވެ.
މީގެއިތުރުން ހަމައެކަނި ޓެގް ޓްރައަލް އިވެލުއޭޓްކުރާ ކޮމެޓީން ނިންމި ނިންމުމަށް ބިނާކޮށް މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ހުއްދައަށް އެދި، އަދި އެ ފަރާތަށް އެޑްވާންސް ފައިސާ ދިނުމުގެ ލަފައަށް އެދި ޢުމަރު ސޮއިކޮށް މިނިސްޓްރީ އޮފް ފިނޭންސަށް ސިޓީ ފޮނުވާފައިވާކަން ތަޙްޤީޤަށް ފާހަގަކުރެވުނު ކަމަށް އޭސީސީން ބުނެ އެވެ.
"އެހެންކަމުން، ދައުލަތުގެ މާލިއްޔަތު ގަވާއިދު 2009 ގެ 8.20 އާ ޚިލާފަށް ބިޑު ކޮމެޓީއަށް ހުށަނާޅާ މި މަސައްކަތް ސްޓެލްވާޓާ ޙަވާލުކުރުމުގެ ޕްރޮސެސް ކުރިޔަށް ގެންގޮސްފައިވަނީ އުމަރު ނަސީރަށް ލިބިގެން ނުވާ ބާރެއް ބޭނުންކޮށް މަޤާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލްވާޓަށް ފައިދާ ހޯދާ ދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން ފާހަގަކުރެވޭ" އޭސީސީން ބުނެ އެވެ.
އޭގެއިތުރުން، ސްޓެލްވާޓުން ބިޑު ހުށަހެޅިއިރު ބިޑުގައި އެޑްވާންސްގެ ގޮތުގައި ބޭނުންވާނެކަމަށް ބަޔާންކޮށްފައިވާ 500,000.00 ރުފިޔާ ސްޓެލްވާޓަށް އެޑްވާންސްގެ ގޮތުގައި ދިނުމުގެ ހުއްދައަށް އެދިފައިވަނީ އަދި އެ ފައިސާ އެ ކުންފުންޏަށް ދީފައިވަނީ، އެ ކުންފުންޏަށް މަސައްކަތް އެސްޓެބްލިޝްކުރަން ފަސޭހައަކަށްކަމާއި، އަދި އެ ކުންފުނިން ލޯނު ނަގަންޖެހޭތީކަން ތަހުގީގަށް ފާހަގަވި ކަމަށް އޭސީސީން ބުނެ އެވެ.
"އެހެންކަމުން، މި މަސައްކަތް ސްޓެލްވާޓާ ހަވާލުކޮށްފައިވަނީ އޭރުގެ މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢުމަރު ނަޞީރު އޭނާގެ ރަސްމީ ހައިސިއްޔަތު ނަހަމަގޮތުގައި ބޭނުންކޮށް ސްޓެލެވާޓް އަށް ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށްކަން މި މައްސަލައިގެ ތަޙްޤީޤުން އެނގޭ" އޭސީސީން ބުނެ އެވެ.