ކުރިއަށްއޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނޭކަން އިޢުލާން ކުރައްވައިފައިވާ ކުރީގެ ހޯމްމިނިސްޓަރ ޢުމަރު ނަސީރުގެ ރިޔާސީ ކެންޕޭން 90 ދުވަހަށް މެދުކަނޑާލައިފި ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.

ކޭންޕޭން މެދުކަނޑާލީ ޢުމަރުގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށް އެދި އޭސީސީން ޕްރޮސެކިޔުޓަރޖެނެރަލް އޮފީހަށް ފޮނުވުމުންނެވެ. ޢުމަރު ވިދާޅުވީ ދައުލަތުގެ މަތީ މަގާމްތަކަށް ވަޑައިގަންނަވަންވާނީ ފަސްބައިގައި އެއްވެސް ކިލަނބުކަމެއްނެތް މީހުން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.

ޢުމަރުގެ މައްޗަށް ދަޢުވާ ކޮށްދެއްވުމަށްއެދި ޕީޖީއަށް ފޮނުވަން ނިންމެވީ މިނިސްޓަރ އޮފް ހޯމްއެފެއާރޒް ގެ މަޤާމްގައި ޢުމަރު ހުންނެވި ދުވަސްވަރު، 2015 ވަނަ އަހަރު، ވަކިފަރާތަކަށް ނާޖާއިޒް ފައިދާ ލިބޭ ގޮތަށް މަސައްކަތް ކޮށްފައިވާ މައްސަލައެއް ތަހުގީގު ކުރެއްވުމަށްފަހުގައެވެ. "މި މައްސަލައާ ގުޅޭ އިލެކްޓްރޯނިކް-ޓެގް ގެ ޕްރޮޖެކްޓް މިނިސްޓްރީން ހަވާލު ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދު އާއި އެއްގޮތްވާގޮތުގެ މަތިން، އާންމުކޮށް އިޢުލާން ކޮށްގެން، ހުޅުވާލެވިފައިވާ ބިޑެއްގައި އެންމެ ކުޑަ އަގުހުށަހެޅިފަރާތަށް،" ކަމަށް ޢުމަރު ވަނީ ވިދާޅުވެފައެވެ.

"ވީމާ، މި މައްސަލައިގައި ދައުލަތުން ވަކި ފައިސަލާއެއް ކުރެއްވުމަށް 90 ދުވަހުގެ މުއްދަތަށް އަޅުގަޑުގެ ރިޔާސީ ކެމްޕޭން ވަގުތީގޮތުން މެދުކަޑާލައިފީމެވެ."