ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށްފަހު އަލުން ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިން ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުން ރަޝިޔާއިން މިހާތަނަށް ވަނީ 9،519 ފަތުރުވެރިން ރާއްޖެ އައިސްފައެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ ޔުނައިޓެޑް ކިންގްޑަމް (ޔޫކޭ) އިންނެވެ. އެގައުމުން 3817 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

ތިންވަނަ އަށް އެންމެ ގިނަ ގިނަ ފަތުރުވެރިން އައިސްފައިވަނީ ޔުނައިޓެޑް އެރެބް އެމިރޭޓްސް އިންނެވެ. އެގައުމުން 3683 ފަތުރުވެރިއަކު ވަނީ ރާއްޖެ އައިސްފައެވެ.

މީގެ އިތުރުން އެމެރިކާ، އިންޑިއާ، ޖާރމަނީ، ފްރާންސް، ޔުކްރެއިން، ސްޕެއިން އަދި ބްރެޒިލްއިންވެސް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ބޯޑަރު ހުޅުވާލިފަހުން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވަނީ މިދިޔަ އޮކްޓޯބަރު މަހުއެވެ. އޮކްޓޯބަރު މަހު 21،515 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ.

ޓޫރިޒަމް މިނިސްޓްރީން ހާމަކޮށްފައިވާގޮތުން މިމަހުގެ ތިންވަނަ ދުވަހާ ހަމައަށް ރާއްޖެ އައިސްފައިވަނީ 43،609 ފަތުރުވެރިންނެވެ.