ފަލިޖަހާ ސަގާފީ ބޮއްކުރާ ތަޢާރަފް ކުރުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށް ރޯވިން އެސޯސިއޭޝަނުން ވިދާޅުވެއްޖެއެވެ. އެ އެސޯސިއޭޝަންގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މި މަސައްކަތް ކުރައްވާނީ ރާއްޖޭގެ ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ގުޅިގެން ކަމަށެވެ.

"ހުސްވިމަހު ފަހުކޮޅު އަޅުގަނޑުމެންވާނީ އެ ވުޒާރާގެ ވަޒީރާއެކު ބައްދަލުވުމެއް ބާއްވާފައި. އެ ބައްދަލުވުމުގައި ގިނަކަންކަމަށް މަޝްވަރާ ކުރެވުނު. ރޯވިން ބޮއްކުރާ ތައާރަފް ކުރުމަށް ވިސްނުންއައީ އޭގެ ތެރެއިން،" ހަބީބު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އަލަށް ތައާރަފް ކުރުމަށް މަސައްކަތްކުރާ ބޮއްކުރާއަކީ 4 ފަލީގެ ބޮއްކުރާ ކަމަށެވެ.

ހަބީބު ވިދާޅުވީ ހެރިޓޭޖު މިނިސްޓްރީން މިކަމަށް މަޝްވަރާ ކުރުމަކީ ވެސް ކުޅިވަރުގެ ތެރެއިން ރާއްޖޭގެ ސަގާފަތާއި ފަންނަން އެމިނިސްޓްރީން ދެއްވާ އިސްކަން ފެނިވަޑައިގެންނެވި ކަމެއްކަމަށެވެ. "ރާއްޖޭގައި ސްޕޯޓްސް މިނިސްޓްރީއެއް ވެސް އެބަހުރި. އެތަނުން ނުލިބޭ އެހީތެރިކަމާއި އެއްބާރުލުން ހެރިޓޭޖު މިނިސްޓްރީން ދެއްވާތީ އެކަން ފާހަގަކުރަން ޖެހެނީ އެންމެ މަތީދަރަޖާގައި،" ހަބީބު ވިދާޅުވިއެވެ.

މިކަމާ ބެހޭ ގޮތުން ހެރިޓޭޖު މިނިސްޓްރީން ވިދާޅުވީ މިނިސްޓަރ ޔުމްނާ މައުމޫން ރޯވިން އެސޯސިއޭޝަންގެ އިސްވެރީންނާ ބައްދަލު ކުރެއްވި ކަމަށެވެ. ފަލިޖަހާ ސަގާފީ ބޮއްކުރާ ރާއްޖެއަށް އަލުން ތައާރަފް ކުރުމާބެހޭ ގޮތުން ދެފަރާތުން މަޝްވަރާ ކުރެއްވި ކަމަށް ވެސް ވިދާޅުވިއެވެ. "މިނިސްޓްރީގެ ބަޖެޓުގައި އެކަމަށް ފައިސާނެތް ކަމަށްވާނަމަ މިނިސްޓްރީ އިސްނަންގަވައިގެން ސްޕޮންސަރ ހޯދައިގެން ވެސް ބޮއްކުރާ ބަންނަން ޝައުގުވެރިކަން އެބަހުރި،" މިނިސްޓްރީން ވިދާޅުވިއެވެ.