ކުޑަކުއްޖަކު ދުއްވާފައިދިޔަ ސައިކަލެއް، އެކްސިޑެންޓްވެގެން ހިނގި ހާދިސާގައި އަނިޔާވެގެން މީހަކު މަރުވި މައްސަލައިގައި އެކުއްޖާ ގޭބަންދު ކުރުމަށާއި މަރުވި މީހާގެ ވާރުތަވެރިންނަށް މަރުގެދިޔަ ހޯދުމަށް ދައުވާކުރުމުގެ ހައްގު އޮތް ކަމަށް ޖުވެނައިލް ކޯޓުން ކޮށްފައިވާ ހުކުމަށް ބަދަލު ގެންނާނެ ތަނެއް ނެތްކަމަށް ހައިކޯޓުން ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ 2017 ވަނަ އަހަރުގެ އޯގަސްޓުމަހުގެ 30 ވަނަ ދުވަހުގެ 4:15 އެހާކަންހާއިރު ކުއްޖަކު، ސައިކަލުގައި ހުޅުމާލެ ނިރޮޅުމަގުގެ ދެކުނުން އުތުރަށް ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް، އެމަގުގެ ދެކުނުން އުތުރަށް ގޮސް ނިރޮޅުމަގުން ކަނާތް ފަރާތަށް ވާގޮތަށް އަނބުރާލި ސައިކަލުގައި ޖެހި އެކްސިޑެންޓު ވެ، އެ ސައިކަލު ދުއްވަން އިން އިބްރާހީމް ރަޝީދު އާދަމް ވިއްސައިގެން ގޮސް މަގުމައްޗަށް ވެއްޓި އޭނާގެ ބޯފަޅައިގެން ގޮސް، އޭނާއަށް ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް، 2017 ސެޕްޓެމްބަރު މަހުގެ އެއްވަނަ ދުވަހު ނިޔާވެފައިވާތީ، އެކުއްޖާގެ މައްޗަށް އުފުލި، މީހަކު މަރުވެދިޔުމުގެ އިހުމާލުގެ އަމަލެއް ކުރުމުގެ ކުށުގެ ދައުވާއާ ގުޅިގެން ކޮށްފައިވާ ހުކުމެކެވެ.

މި މައްސަަލަ އެކުއްޖާގެ މައްޗަށް ސާބިތުވާ ކަމަށް ނިންމައި ޖުވެނައިލް ކޯޓުން ކޮށްފައިވާ މި ހުކުމުގައި ވަނީ، ކުށުގެ އުގޫބާތެއްގެ ގޮތުން އެކުއްޖާ އެއް އަހަރާއި 24 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ހުކުމްކޮށް، "މިއީ އިސްލާމީ ޝަރީއަތުގައި ކަނޑައަޅާފައިވާ "ޤަޠުލުލްޚަޠައު" އެއް ކަމުގައިވާތީ، އައްނިސާސޫރަތުގެ 92 ވަނަ އާޔަތަށާއި ޤާނޫނުލްޢުޤޫބާތު ގެ 1008 ވަނަ މާއްދާއަށް ރިއާޔަތްކޮށް މިކުށުގެ ކައްފާރާއެއްގެ ގޮތުން ވިދިވިދިގެން ދެ މަސް ދުވަހުގެ މުއްދަތަށް ރޯދަ ހިފުމަށް އެކުއްޖާ އަށް އަމުރުކޮށް، މި ހާދިސާގައި ނިޔާވެފައިވާ، ދަފްތަރު ނަންބަރު ރސ 1104 / މާލެ، އަލްމަރުހޫމް އިބްރާހީމް ރަޝީދު އާދަމްގެ ވާރިސުންނަށް މަރުގެ ދިޔަ ދިނުން ޝަރުއީގޮތުން ލާޒިމުވާއިރު، ދިވެހިރާއްޖޭގައި މަރުގެ ދިޔަ ކަނޑައަޅައި ނަގައިދެމުން އައި ޝަރީއަތްކުރުމާބެހޭ ގަވާއިދު 6 ގެ 76 ވަނަ މާއްދާ، މިހާރު އަމަލުކުރަމުން އަންނަ ޖިނާއީ އިޖުރާއަތުގެ ގާނޫނު، ވުޖޫދުވުމާ ހަމައިން، އެގަވާއިދާ އެކު އުވި ގޮސްފައިވާތީ، މަރުގެ ދިޔައިގެ ގޮތުގައި ނަގައިދޭނެ މިންވަރެއް މިހާރު ދިވެހިރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރޭގައި އަމަލުކުރަމުން އަންނަ އެއްވެސް ގާނޫނެއްގައި ނުވަތަ ގަވާއިދެއްގައިވިޔަސް ކަނޑައެޅިފައި ނެތަތީ، މަރުގެ ދިޔައިގެ މިންވަރު ގާނޫނީ ގޮތުން ކަނޑައެޅުމުން މަރުގެ ދިޔަ ހޯދުމަށް އިބްރާހީމް ރަޝީދު އާދަމްގެ ވާރުތަވެރިންނަށް އެކަމުގެ އިހްތިސާސް އޮތް ކޯޓެއްގައި ދައުވާކުރުމުގެ ހައްގު އޮތްކަން އަންގައި މި ގަޒިއްޔާ ނިންމީ،" ކަމަށެވެެ.

ޖުވެނައިލްކޯޓުން މި ހުކުމް ކޮށްފައިވަނީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާ ހިލާފަށް ކަމަށް ބުނެ އެކުއްޖާގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ.

ހައިކޯޓުން އެ މައްސަލަ ބެލުމަށްފަހު ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ވަނީ، މައްސަލަ "އިސްތިއުނާފު ކުރި ފަރާތުން ހުށަހަޅާފައިވާ ނުކުތާތަކުގެ މައްޗަށް ބިނާކޮށް ޖުވެނައިލް ކޯޓުގެ ގަޒިއްޔާ ގައި ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަން ޖެހޭ ފަދަ ޝަރުއީ އަދި ގާނޫނީ ސަބަބެއް ނެތްކަމަށް މި މައްސަލަ ބެއްލެވި ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅައި، ހުކުމްކޮށްފިން،" ކަމަށެވެ.