އެމްޑަބްލިއުއެސްސީ އިން އދ. ކުނބުރުދޫގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަޝްރޫއު އިފްތިތާހުކޮށްފިއެވެ.

އިއްޔެ އެރަށުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ މަޝްރޫއު އިފްތިތާހުކޮށްދެއްވީ އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝާހު އެވެ. މި ރަސްމިއްޔާތުގައި އެ ކުންފުނީގެ ބޯޑު މެންބަރު އިބްރާހީމް އަންވަރާއި، މަތިވެރީ ދާއިރާގެ މެންބަރު ހަސަން ޒަރީރާއި ކުނބުރުދޫ ކައުންސިލުގެ ރައީސް މުހައްމަދު އަޒުމީ ބައިވެރިވެވަޑައިގެންނެވިއެވެ.

މި މަޝްރޫއަށް ބޭނުންވާ ހޮޅިއާއި އެހެންނިހެން ތަކެތި އެރަށަށް ގެންގޮސް، ހޮޅި ވަޅުލުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.

މި މަޝްރޫއުގައި ހިމެނޭ ފެނުގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތުގެ ތެރެއިން އެ ރަށުގައު 2.75 ކިލޯމީޓަރުގެ ދިގު ފެން ހޮޅީގެ މައި ނެޓްވޯކް ގާއިމުކުރުމާއި އާރުއޯ ފެސިލިޓީ ބިލްޑިން އިމާރާތްކުރުމާއި ފެން އުފެއްދުމަށްޓަކައި 2 އާރުއޯ ޕްލާންޓް ބެހެއްޓުމުގެ މަސައްކަތް ކުރާނެއެވެ. އަދި ފެން ރައްކާކުރުމަށް 3 ތާންގި ބެހެއްޓުމާއި ގޭގޭގައި ފެން މީޓަރު ބަހައްޓައި، ފެނުގެ ކަނެކްޝަން ގުޅައިދިނުމުގެ މަސައްކަތް ވެސް އެމްޑަބްލިއުއެސްސީން ކުރާނެއެވެ.

ކުނބުރުދޫ ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން، އެރަށުގައި 2.30 ކިލޯމީޓަރުގެ ދިގު ނަރުދަމާގެ މައި ނެޓްވޯކް ގާއިމުކުރުމާއި، 374 މީޓަރުގެ ޕަންޕިން ލައިން އެޅުމާއި، ނަރުދަމާގެ އިދާރީ ބިލްޑިން އިމާރާތްކުރުމުގެ މަސައްކަތް ފަށާނެއެވެ. އަދި 2 ޕަންޕިން ސްޓޭޝަނާއި ސީ އައުޓްފްލޯއެއް ގާއިމްކޮށް، ގޭގޭގައި ޖަންކްޝަން ބަހައްޓައި، ނަރުދަމާ ކަނެކްޝަން ގުޅައިދީ އެ ގެތަކަށް ނަރުދަމާގެ ހިދުމަތް ފޯރޮށްދޭނެއެވެ.