ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ރާއްޖޭގެ އިގްތިސާދު ހިފެހެއްޓި ބަޔަކީ މަސްވެރިން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ މިއަދު މެންދުރު ގުޅީފަޅު ސަރަޙައްދު ކަނޑުމަތީގައި ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ މަސްވެރިންގެ ދުވަހުގެ ޝުއޫރު ފާޅުކުރުމުގެ ހަރަކާތުގައި ވާހަކަ ދައްކަވަމުންނެވެ.

ރައީސް ވަނީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤްވާމީ އިންސާނީ ހައްޤުތަކުގެ ދުވަހުގެ ހެޔޮއެދުންތައް ފޮނުއްވާ، ދިވެހިރާއްޖޭގެ 41 ވަނަ މަސްވެރިންގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ ލޮބުވެތި މަސްވެރިންނަށާއި މަސްވެރި ޢާއިލާތަކަށް އަރިސް ކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކޯވިޑްގެ ޙާލަތުގައި ދިވެހިރާއްޖޭގެ އިޤްތިޞޯދު ހިފެހެއްޓިީ މަސްވެރިން ކަމުގައި ވިދާޅުވެ، މަސްވެރިންގެ ބުރަ މަސައްކަތް ފާހަގަކުރައްވާފައިވެއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ވަނީ ސަރުކާރުގެ ސިޔާސަތުތައް ތަފްސީލުކޮށްދެއްވާ، މަހުގެ ހަމަ އަގު މަސްވެރިންނަށް ހޯދައިދެއްވުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ. އަދި ސަރުކާރުން ސިޔާސަތުތައް ކަނޑައަޅަނީ އެ ދާއިރާއެއްގެ އެންމެހާ ފަރާތްތަކާއި މަޝްވަރާކުރެވިގެން އެފަރާތްތަކުގެ އަޑުއަހައިގެން ކަމުގައި ވިދާޅުވިއެވެ.

‎"މަސްވެރިކަމާ ބެހޭގޮތުން ކުރިއަށްއޮތް ސިޔާސަތުތައް އަޅުގަނޑުމެން ކަނޑައަޅަމުންގެންދާނީ ތިބޭފުޅުންގެވެސް އަޑުއަހައިގެން، ތިބޭފުޅުންނަށްވެސް އެންމެ ފައިދާހުރި ގޮތަކަށް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މަސްވެރިން ފާހަގަކުރެއްވި ދެ ޤާނޫނުގެ ބިލް މިހާރު ޑްރާފް ކުރެވިފައިވާކަމަށާއި ރައްޔިތުންގެ މަޖިލީހުގެ ކުރިއަށްއޮތް ދައުރުގެ ތެރޭގައި މަޖިލީހުން އެ ބިލްތައް ފާސްކުރުމަށް ބާރުއަޅުއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، އިރާދަކުރެއްވިއްޔާ މަސްވެރިންގެ ކަންބޮޑުވުންތަކުގެ ލިސްޓުގައި ހުރި ކަންތައްތަކާ ކުރިމަތިލައްވައި، ލަސްނުވެ އެއަށް ހައްލު ހޯދައިދެއްވައި، އެކަމުގެ މައުލޫމާތުތައް ހިއްސާކުރައްވާނެކަމުގައި ވިދާޅުވިއެވެ.

‎މި ހަރަކާތުގެ ތެރެއިން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަންގެ ފަރާތުން ވަނީ އެ ޔޫނިއަންގެ ލޯގޯޖެހި ޓީ-ޝާޓެއް ރައީސުލްޖުމްހޫރިއްޔާއަށް ހަދިޔާކޮށްފައެވެ.