ކްރެޑިޓް ރޭޓިން ކުންފުނި ކަމަށްވާ، "ފިޗް" އިން ރާއްޖޭގެ ދަރަނީގެ ރޭޓިން "ސީސީސީ" ރޭޓިން އަށް ދަށް ކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި، ސަރުކާރުގެ ދަރަންޏާ ގުޅޭ ރިޕޯޓުގެ ސަބަބުން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ރައްދު ދެއްވައިފިއެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ލިބޭ ބޭރު ފައިސާ މަދުވެ ދަރަނި އިތުރުވުމާ ގުޅިގެން، ފިޗުން ރާއްޖޭގެ ރޭޓިން "ބީ" އިން "ސީސީސީ" އަށް ވަނީ ދަށްކޮށްފައެވެ.

އެކަމާގުޅިގެން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވީ، އެ ފަދަ ބައިނަލްއަގްވާމީ އިންޑިކޭޓަރުން ދޭ ރޭޓުގެ އަޑު ރާއްޖެއިން އަހަން ޖެހޭ ކަމަށާއި، ނަމަވެސް ގައުމު ދަރަނިވެރި ނުވާނެ ކަމަށެވެ.

ހާއްސަކޮށް ޗައިނާ ކުންފުނިތަކަށް ދައްކަން ޖެހޭ ލޯނުތައް، ފާހަގަ ކުރައްވައި ޓޫރިޒަމް ކުރިއަރައި ދިއުމާއި ދަތުރުފަތުރު ކުރުން ގިނަވަމުން އަންނާތީ، އުއްމީދު އެބައޮތް ކަމަށް ވެސް މަޖިލިސް ރައީސް ވިދާޅުވި އެވެ. އަދި ރާއްޖެ ނަމަވެސް ބޭރުގެ ފަރާތްތަކަށް ދައްކަން ޖެހޭ ލޯނުތައް ރީ ސްޓްރަކްޗާ ކޮށްފިނަމަ ގައުމު ދަރަނި ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.

އެކަމާގުޅިގެން ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފިޗުން ރާއްޖޭގެ ދަރަނީގެ ރޭޓިން "ސީސީސީ" ރޭޓިން އަށް ދަށް ކުރީ، ރައްޔިތުންގެ މަޖިލީހުން ފާސްކުރި ސަރުކާރުގެ ދަރަންޏާ ގުޅޭ ރިޕޯޓުގެ ސަބަބުން ކަމަށެވެ.

"އެންމެ ފަހުން މަޖިލީހުން ފާސްކުރި ގަރާރުގެ ނަތީޖާ ފިޗް އިން ރާއްޖޭގެ ކްރެޑިޓް ރޭޓިން ސީސީސީއަށް ބަދަލު އެކުރީ، އެދުވަހުވެސް ތަކުރާރުކޮށް އަޅުގަނޑު ދެންނެވިން ހެޔޮނުވާނޭ، ތިޔަ ގަރާރު ތިގޮތަށް ފާސްކުރަން،" ޝަރީފް ވިދާޅުވިއެވެ.

އެ ދުވަހު ވެސް މަޖިލީހުން އެ ރިޕޯޓް އެ އޮތް ގޮތަށް ފާސްކުރަން ހެޔޮ ނުވާނެ ކަމަށް ވިދާޅުވި ކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ، ރާއްޖެއަށް މި ދަތި ދަނޑިވަޅުގައި ރައްޔިތުގެ މަޖިލީހުން ފާސްކުރާ ބައެއް ޒާތުގެ ގަރާރު ފާސް ކުރުމުގައި ވަރަށް ވިސްނުންތެރި ކަމާއެކު ގައުމުގެ މަސްލަހަތު އިސް ނުކޮށްފި ނަމަ ރޭޓިން އެޖެންސީތަކުން ރާއްޖެ ކްރެޑިޓްރޭޓިން ދަށްކުރަމުންދިއުން ވަރަށް ގާތް ކަމަށެވެ.

ރާއްޖޭގެ ދަރަންޏާ ބެހޭ ގޮތުން ސަރުކާރަށް ރެކޮމަންޑޭޝަންތަކެއް ހުށަހަޅައި މަޖިލީހުން ރިޕޯޓް ފާސްކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އިސް ނަންގަވައިގެންނެވެ.

އެކަމާގުޅިގެން، ރާއްޖޭގެ ކްރެޑިޓް ރޭޓިން ދައްކުރި މައްސަލައިގައި، ފިނޭންސް މިނިސްޓްރީން ބުނީ އެކަން ގަބޫލު ނުކުރާނެ ކަމަށެވެ.