ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ހަބް ކުންފުންޏަށް ދައްކަން ޖެހޭ ކަމަށްބުނާ ފައިސާގެ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އާދީއްތަ ދުވަހަށް ތާވަލް ކޮށްފި އެވެ.

މި މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ތާވަލް ކޮށްފައިވަނީ އާދިއްތަ ދުވަހުގެ 11:00 އަށެވެ.

ހަބް ކުންފުންޏަށް ހަތް ލައްކަ އަށް ވުރެ ގިނަ ރުފިޔާ ދައްކަން ޑީއާރުޕީގެ މައްޗަށް 2014 ގައި ސިވިލް ކޯޓުން ހުކުމްކުރީީ އެ ޕާޓީން އެކި ފަހަރު މަތިން ހަބް ކޮމްޕެނީން ހޯދާފައިވާ ޚިދުމަތްތަކަށް ފައިސާ ނުދެއްކުމުން އެ ކުންފުނިން ދައުވާ ކުރުމުންނެވެ. ސިވިލް ކޯޓުން ކުރި އެހުކުމަށް ހައި ކޯޓުން ވެސް 2015 ވަނަ އަހަރު ވަނީ ތާއީދުކޮށްފަ އެވެ.

އެ ފައިސާ ޑީއާރުޕީން ދައްކާފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ހަބް ކުންފުނީގެ ފަރާތުން ސިވިލް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ނިންމާފައިވަނީ އެ ހުކުމް މިވަގުތު ތަންފީޒުކޮށް ދެވެން ނެތް ކަމަށެވެ. ސަބަބެއް ކަމަށް ސިވިލްކޯޓުން ބުނީ ހައި ކޯޓުގެ ހުކުމް އިސްތިއުނާފް ކުރަން ޑީއާރުޕީން ސުޕްރީމް ކޯޓަށް ހުށަހަޅައި، އެ ކޯޓުން އެ މައްސަލަ ބަލައިގެންފައިވާތީ ކަމަށެވެ.

2012 ގައި ސުޕްރީމް ކޯޓުން ނެރެފައިވާ ރިޓް އޮފް ޕްރޮހިބިޝަނެއްގައި ކަނޑައަޅާފައިވާ އުސޫލުގައިވަނީ މަދަނީ މައްސަލަތަކުގައި ކުރާ ހުކުމްތައް އިސްތިއުނާފްކޮށްފި ނަމަ އެ މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ވަގުތީ ގޮތުން މަޑުޖައްސާލާނެ ކަމަށެވެ.

2008 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ޑީއާރުޕީއަށް ދަރަނީގެ ބޮޑެތި މައްސަލަތަކެއް ފެންމަތި ވެގެންދިޔަ އެވެ.