ދެހާސްއަށާރަވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅިގެން ފުލުހުންނަށް ހުށައަޅާފައިވާ މައްސަލަތަކާއި ގުޅިގެން ހިންގި ތަހުގީގު ނިމިފައިވާ ގޮތުގެ ރިޕޯޓް ކަމަށް ބުނެ ދައުރުވާ ލިޔުންތަކަކީ ސައްހަ ލިޔުންތަކެއް ނޫން ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.

ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފުލުހުންގެ ތަހުގީގު ރިޕޯޓެއް ކަމަށް ބުނެ އާންމުކޮށްފައިވާ ލިޔުމަކީ ފުލުހުންގެ ލިޔުމެއްކަން ދެއްކުމުގެ ގޮތުން ތައްޔާރުކޮށްފައިވާ ސައްހަ ނޫން ލިޔުމެއް ކަމަށެވެ.

އެގޮތުން އެ ލިޔުމުގައި ބޭނުންކޮށްފައިވާ ފޯމެޓާއި، ބޭނުންކޮށްފައިވާ ސްޓޭމްޕްގެ ފުށުއެރުންތަކެއް ހުރުމާއި ސްޓޭމްޕުގައި ފުލުހުންގެ މުއައްސަސާގެ ނަން ކަމަށް ބޭނުންކޮށްފައިވާ "ދިވެހި ފުލުހުންގެ ހިދުމަތް" މި ނަމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނަށް އަމަލުކުރަން ފެށުމާ ގުޅިގެން ފުލުހުން ބޭނުން ކުރަމުން އަންނަ ނަން ކަމަށާއި ކުރީގެ ސްޓޭމްޕުގައި ފުލުހުން ބޭނުންކޮށްފައިވާ ނަމަކީ "މޯލްޑިވްސް ޕޮލިސް ސާވިސް" ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ވަނީ މިއީ ރައްޔިތުންގެ ހިތްތަކުގައި ފުލުހުންގެ ހިދުމަތަށް އޮތް އިތުބާރާއި ޔަގީންކަން ކުޑަކުރުމުގެ ގޮތުން ހަދާފައިވާ ލިޔުމެއް ކަމަށް ބުނެފަ އެވެ. އަދި އެ ލިޔުމަކީ ގަވާއިދާ ހިލާފަށް ފުލުހުންގެ ސިއްކަ ބޭނުންކޮށްގެން އުފައްދާފައިވާ ލިޔުމެއް ކަމަށްވާތީ އެ މައްސަލަ ތަހުގީގު ކުރާނެ ކަމަށްވެސް ފުލުހުން ބުނެ އެވެ.