އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސަޕޯޓަރުން އެރިޒޯނާގައި ހުއްޓާނުލާ މުޒާހަރާ ކުރަމުންދާތާ ތިންދުވަސް ވެއްޖެއެވެ.
އެމީހުން މުޒާހަރާ ކުރަމުންދަނީ އެރިޒޯނާގެ ވެރިރަށުގައި ހުންނަ އިލެޝަން ސެންޓަރުގެ ކައިރީގައެވެ.
ޓްރަމްޕްގެ ސަޕޯޓަރުން މުޒާހަރާ ފެށީ، މެއިލް މެދުވެރިކޮށް ލާފައިވާ ވޯޓު ގުނުން ހުއްޓާލުމަށް ގޮވާލުމަށާއި، އަދި ވޯޓުގައި އޮޅުވާލުންތައް އެބަހުރި ކަމަށް ބުނެ ނުރުހުން ފާޅުކުރުމުގެ ގޮތުންނެވެ.
ރައީސް ޑޮނަލްޑް ޓްރަމްޕްވެސްވަނީ، ވޯޓުގައި މަކަރުހަދައި އޮޅުވާލުންތައް އެބަހުރި ކަމަށް ތަކުރާރުކޮށް ތުހުމަތު ކުރައްވަމުނެވެ.
ބައެއް މައްސަލަތައް ޓްރަމްޕް ކެމްޕެއިންގެ ފަރާތުން ކޯޓުތަކަށްވެސް ހުށަހަޅާފައި ވާއިރު، އެންމެ މުހިންމު އެއް ސްޓޭޓް ކަމަށް ޕެންސިލްވޭނިއާގެ ވޯޓާ ގުޅިގެން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ކޯޓުންވަނީ ބޭރުކޮށްލާފައެވެ.
ޓްރަމްޕްގެ ކެމްޕެއިނުން އެދުނީ ޕެންސިލްވޭނިއާގެ ވޯޓު ގުނުން ވަގުތުން ހުއްޓުވައި ދިނުމަށެވެ. އަދި ވޯޓުލީ ދުވަހުގެ ފަހުން އައިސްފައިވާ މެއިލް އެއްވެސް ވޯޓެއް ބަލައި ނުގަތުމަށް އަމުރެއް ނެރެދިނުމަށްވެސް އެދުނެވެ.
އެހެން ނަމަވެސް، ސުޕްރީމް ކޯޓުންވަނީ ވޯޓު ގުނުން ވަގުތުން ހުއްޓުވަން އިންކާރުކޮށްފައެވެ. ބުނެފައިވަނީ، ސުޕްރީމް ކޯޓުގެ މުޅި ބެންޗުން އެކަން ބެލުމަށްފަހު ވަކި ގޮތެއް ނިންމާނޭ ކަމަށެވެ. އެހާތަނަށް ވޯޓު ގުނުން ކުރިއަށް ގެންދިއުމަށްވަނީ އަންގާފައެވެ.
އެރިޒޯނާގައި ޓްރަމްޕްގެ ސަޕޯޓަރުން މުޒާހަރާ ކުރަމުންދާއިރު، މިހާތަނަށް ގުނާފައިވާ ވޯޓުގައި ޖޯ ބައިޑެން އުޅުއްވަނީ ޓްރަމްޕަށްވުރެ 30،000 އަށްވުރެ ގިނަ ވޯޓުގެ ތަފާތުން ކުރީގައެވެ. އެރިޒޯނާގެ ވޯޓު ގުނާ ވަރަކަށް ތަފާތު ދަނީ ބޮޑުވަމުންނެވެ.
މުޒާހަރާ ކުރާ މީހުން ބުނަމުންދަނީ، ވޯޓު ގުނުން ލަސްކުރަމުންދަނީ ޓްރަމްޕްގެ ކިބައިން އިންތިޚާބު ވަގަށް ނެގުމުގެ އުކުޅެއްގެގޮތުންނެވެ.
ރައީސް ޓްރަމްޕްވެސް ވަނީ، ޓްވީޓަރ މެދުވެރިކޮށާއި، ޕްރެސް ކޮންފަރެންސްތަކުގައި މިމޭރުމުން ތުހުމަތުތައް ކުރައްވާފައެވެ.