ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން މެއި 6 ގައި ދިން ހަމާލައި އެއްމެ އިސްކޮށް އުޅުން އެކަމު ކަމުގައިވާ ވ. ތިނަދޫ ހިޔާ އަދުހަމް އަހުމަދު ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.

އަދުހަމްއަށް ހުކުމް ކުރުމުގެ ޝަރީއަތް މިއަދު ކުރިއަށް ގެންގޮސްފައި ވާއިރު އަދުހަމް ވަނީ ދައުލަތާއެކު އިއުތިރާފު އެއްބަސްވުމެއް ހަދައި 23 އަހަރުގެ ޖަލު ހުކުމަކަށް އެއްބަސްވެފައެވެ. ދައުލަތާއެކު އިއުތިރާފު އެއްބަސްވުން ވެފައިވާ ގޮތުން އަދުހަމްގެ މައްޗަށް އަންނަނީ 23 އަހަރުގެ ޖަލު ހުކުމެކެވެ.

އަދުހަމަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމަށްޓަކައި އަތަމާ ޕެލަސްގެ ގޯޅިތެރޭ ހުރެގެން ބޮން ގޮއްވާލި މީހާ އެވެ. އޭނާ ވަނީ ތަހުގީގުގައި އަދި ކޯޓުގައި ވެސް ކުށަށް އިއުތިރާފްވެފަ އެވެ. އަދުހަމް ހުރީ ހަށިގަނޑު ގޮއްވާލައިގެންވެސް އެ ހަމަލާ ދިނުމަށް ތައްޔާރަށް ކަމަށް އޭނާ ތަހުގީގަށް ދިން ބަޔާނުގައި ބުނެފައިވެ އެވެ.

މި މައްސަލައާ ގުޅިގެން އަދުހަމްގެ މައްޗަށް 4 ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ޓެރަރިޒަމްގެ އަމަލެއް ކުރުން، ޓެރަރިޒަމްގެ އަމަލެއް ކުރަން ރޭވުން، ތޫނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މަރާލަން އުޅުން އަދި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާއެވެ.

އަދުހަމް 23 އަހަރަށް ޖަލަށްލުމަށް ހުކުމް ކުރި ނަމަވެސް އޭނާ ޖަލުގައި ހުކުމް ތަންފީޒު ކުރަނީ 22 އަހަރާއި 4 މަހާއި 23 ދުވަހެވެ. އެއީ ހަމަލާއަށްފަހު އޭނާ ހައްޔަރުކުރި ގޮތަށް މިއަދު ހުކުމް ކުރާ ހަމައަށް ޖަލުގައި ހޭދަކުރި 221 ދުވަސް ހުކުމުން އުނިކުރުމުން ޖަލުގައި ހުންނަންޖެހޭ ދުވަސްތަކެވެ.